25 May 2018, 11:22
އިކުއެޓޯރިއަލް ގިނީ ގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ހޮންކޮންގގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު، ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ހޮންކޮންގގެ "އެމްވީ ޕްރޮސްޕެރިޓީ 103" ނަމަކަށްކިޔާ އާގު ބޯޓުގައި އޮތް، އުމުރުން 28 އަހަރުގެ ޗައިނާގެ ރައްޔިތެއްގެ ބަލިހާލު ބޮޑުވެގެން، ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވާއިވާތީ، މިއަދު ހެނދުނު07:15ކަންހާއިރު އެމީހާ އައްޑޫ ސިޓީގެ ހިތަދުއަށް ގެންގޮސްދީފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިމަހު 23 ވަނަ ދުވަހު މެންދުރު 13:15 ހާއިރުކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބަލިމީހާ އައްޑޫ ސިޓީ ހިތަދޫއަށް ގެނެސްދިނުމަށް ރޭ ފަތިހު 06:00 ހާއިރު ޑޮކްޓަރުންގެ ޓީމަކާއެކު ސިފައިން ވަނީ އެ ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރާފައި،" އޭނާ ވިދާޅުވިއެވެ.
ކެޕްޓަން އާޒިމް ވިދާޅުވީ، ހޮންކޮންގގެ ބޯޓުގައި އޮތް ހާލުބޮޑު ބަލިމީހާ އެމްއެންޑީއެެފް ކޯސްޓްގާޑްގެ އުޅަނދަަށް ނަގާފައިވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު، އެ ބޯޓު އައްޑޫ ސިޓީ ގަމުގެ ހަތް ނޯޓިކަލް މޭލު ބޭރަށް ކައިރިކުރުމުން ކަމަށެވެ.