06 Sep 2011, 16:51
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އޯއެމްސީ) ގެ އޮފިޝަލުން ސީޝެލްސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ބެހޭ ގޮތުން ދައްކާފައިވަނީ ހުސް ދޮގު ވާހަކަތައް ކަމަށް ގައުމީ ކޯޗު ޑިއެގޯ ކުރުސިއާނީ ބުނެފި އެވެ.
ކުރުސިއާނީ މިހެން ބުނެފައިވަނީ އިންޑިއަން އޯޝަން ގޭމްސްގައި ލިބުނު ނާކާމިޔާބީއަށްފަހު ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގަ އެވެ.
"އެމީހުން ދެއްކީ މުޅިން ދޮގު ވާހަކަތަކެއް. އަހަރެން މެޗު ދޫކޮށްލާކަށް ނުބުނަން. އިތުރަށް މިކަމާއި ބެހޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނޫން." ރާއްޖޭގެ ގައުމީ ޓީމު ކޯޗު ކުރުސިއާނީ ބުންޏެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ގޮސް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ތިބެން ޖެހުނީ ވަރަށް ހާލުގައިކަމަށާއި ކުރުސިއާނީ އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ޓީމާއި ދުރުގައި ހުރުން ކަމަށް ކޯޗު އެއްބަސްވެ އެވެ. މީގެ އިތުރުން ފުރަތަމަ މެޗަށް ފަހު ކުޅުންތެރިންނަށް ފަރިތަކުރާނެ ދަނޑެއް ނުލިބޭކަމަށް ވެސް ކޯޗު ބުންޏެވެ.
"ކުޅުންތެރިންނާއި ދުރުގައި ހުރުމަކީ އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯސް. ކޯޗެއް ޖެހޭނީ ކުޅުންތެރިންނާއި ކައިރީގައި ހުންނަން. އަހަރެން ކުޅުންތެރިންނާއި އެކު ނުހުރީ އެހިސާބުގައި ނުހުންނަން ވެގެން. ޓީމު ހުންނަން ޖެހުނު ތަނުގެ ހާލަތު ވަރަށް ގޯސް. އެކަންތައްތަކާއި މެދު ކުޅުންތެރިންވެސް ޝަކުވާ ކުރި. ފުރަތަމަ މެޗަށްފަހު ޓީމު ފަރިތަކުރާނެ ދަނޑެއްވެސް ނުލިބުނު. އެހެންކަމުން އެއްދުވަސް ވޭތުވީ ފަރިތަނުކޮށް. އެހެން ޓީމުތައް ފަރިތަކުރަމުން މެޗު ކުޅޭ ބޯޅައިން ފަރިތަކުރި އިރު އަހަރެމެންނަށް ޖެހުނީ އެހެން ބޯޅައަކުން ފަރިތަކުރަން." ކޯޗު ކުރުސިއާނީ ބުންޏެވެ.
އޮލިމްޕިކް ކޮމިޓީ އޮފިޝަލުން ކުރިން ބުނިގޮތުގައި ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖުމަންޓުން ކުޅުންތެރިން ރޯދައަށް ނުބޭއްތިބުމަށް ބާރު އަޅާފައިވާކަމަށް ބުނި ނަމަވެސް ކޯޗް ކުރިސިއާނީ އެވާހަކަވެސް ދޮގުކޮށްފައި ވެއެވެ.
"ހާނިމް ދެންމެ އަހަރެންނަށް ގުޅާފަ ބުނި އެހެން ކުޅިވަރުތަކުން އެތުލީޓުން ތިބީ ރޯދައަކަށް ނޫނޭ. ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ތިބީ ރޯދައަށް. އަހަރެން މެނޭޖަރު ކައިރީވެސް ބުނިން ރޯދަ ދޫކޮށްލުމަށް ބާރު ނާޅައްޗޭ ވެސް. އެއީ އެކަމަކީ ދީނުގެ ކަމަކަށް ވާތީ އެކުޅުންތެރިންނަށް އެކަމުގައި މިނިވަންކަން ދޭން ޖެހޭނެ ކަމަށް ވާތީ." ކޯޗް ކުރުސިއާނީ ބުންޏެވެ.
ދުނިޔޭގައި ދެ ވައްތަރެއްގެ ބައެއް ތިބޭނެކަމަށާއި އޭގެ ތެރެއިން އެއްބަޔަކީ ފާޑުކިޔާ މީހުންކަމަށާއި އަނެއް ބަޔަކީ ސަޕޯޓަރުންކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހް އިސްމާއިލުގެ ތަޖުރިބާގެ އަލީގައި ފާހަގަ ކުރިއެވެ.
"ގައުމީ ފުޓުބޯޅަ ޓީމަށް ގިނަ ދުވަސްތަކަކަށް އެކިގޮތް ގޮތުން މަސައްކަތް ކުރި މީހެއްގެ ތަޖުރިބާއިން ބުނާނަމަ ދެވައްތަރެއްގެ ބައެއް ދުނިޔޭގައި އުޅޭނެ. އެއްބަޔަކު ފާޑު ކިޔާއިރު އަނެއް ބަޔަކު ޓީމަށް ސަޕޯޓުކުރާނެ. އެކަން އަހަރެމެން ދަންނަންވާނެ." އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް ބުންޏެވެ.
ގައުމީ ޓީމު ޝީޝެލްސްގައި އުޅެން ޖެހުނީ ވަރަށް އުނދަގުލުގައި ކަމަށް ޝާހު ވެސް ބުނެފައި ވެއެވެ. ޝާހުގެ އިތުރުން އެފްއޭއެމްގެ ރައީސް ވެސް މިކަން ގަބޫލުކުރާއިރު އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން މިކަން ގަބޫލުނުކުރާކަން ފާހަގަވެގެން ގޮސްފައި ވެއެވެ.
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓުބޯޅަ ތައްޔާރުވުމުގެ ގޮތުން އެފްއޭއެމް އިން މެޗުތަކެއް ރާވަމުން އަންނަ ކަމަށް ޝާހު ބުންޏެވެ.
"ޖަރުމަނުގައި މެޗުތަކެއް ކުޅުމަށް މިހާރުވަނީ ހަމަޖެހިފައި. ޖަރުމަނުގައި ދެ ހަފްތާ މަޑުކޮށް އެގައުމުގެ ލީގު 2،3 އަދި 4 ގެ ޓީމުތަކާއި ވާދަކުރުމަށް މެޗުތަކެއް ހަމަޖެހޭތޯ މިބަލަނީ. އެއަށްފަހު މިސަރަހައްދުގެ ޓީމުތަކާއެކު މެޗުތަކެއް ކުޅުމަށް ރޭވިފައި ވަނީ. އެޓީމުތަކާއެކު މެޗުތައް ހަމަޖެއްސުމަށް އެފްއޭއެމް އިން ދަނީ މަސައްކަތް ކުރަމުން." ޝާހު ބުންޏެވެ.
އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފުޓުބޯޅަ ޓީމު ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެމެޗުން އެއްވަރުވި ނަމަވެސް ފަހު މެޗުގައި ޝީޝެލްސްއާ ވާދަކޮށް 5-1 ގެ ބޮޑު ތަފާތަކުން ވަނީ ބަލިވެފައެވެ. މިމުބާރާތުން ނެރުނު ކަހަލަ ނަތީޖާއެއް ސާފް ޗެމްޕިއަންޝިޕުން ނެރޭކަށް ކޯޗާއި ކުޅުންތެރިން އަދި ސަޕޯޓަރުންނެއް ވެސް ނޭދޭނެ އެވެ.