24 May 2018, 21:08
މަޖިލިސް މެންބަރުންތަކަކާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކުރެވިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ޔުމްނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި ފުލުހުން އެކަން ޔުމްނާއަށް އަންގާފައިވާކަން ވަނީ އެނގިފައެވެ. ޔުމްނާގެ ޕާސްޕޯޓް ހިފަހެއްޓީ ކިހާ ދުވަހަކަށް ކަމެއް އެނގިފައެއް ނުވެއެވެ.
މި މައްސަލާގައި ޔުމްނާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ބަޔާން ނަގައިފައެވެ. އެ ތުހުމަތާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށް ފަހު ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކަމަށާއި އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި ބަޔާން ދެއްވާފައިވާނެ ކަމަށެވެ. އަދި ޖިނާއީ އެއްވެސް ކުށެއް އެއްވެސް އިރެއްގައި ކޮށްފައި ނުވާނެކަން ވެސް ފުލުހުންނަށް ދެންނެވި ކަމަށް ޔުމްނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޔުމްނާގެ ގާނޫނީ ވަކީލް މޫސާ ސިރާޖް މީގެ ކުރިން ވިދާޅުވީ ތަހުގީގުގައި ޔުމްނާގެ އަތުލިއުމުގެ ސާމްޕަލެއް ދިނުމަށް ފުލުހުން އެދުނު ކަމަށާއި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އަތުލިއުމެއް ހޯދޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށް އޮތުމުން ޔުމްނާގެ ފަރާތުން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށެވެ.
ޔުމްނާގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެސް އޮއްޓަރެއް ނެތް ތުހުމަތުތަކެއް ކަމަށް ސިރާޖް ވިދާޅުވިއެވެ. އަދި އެ ތަހުގީގަކީ ސިޔާސީ ގޮތުން ދަތިކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިރާޖް ވަނީ ސިފަކުރައްވައިފައެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު ބައްޕާފުޅު ރައީސް މައުމޫންގެ އިތުރުން އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމާއި، ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ވެސް ހުންނެވީ ބަންދުގައެވެ. އެ ފަރާތްތަކުގެ މައްޗަށް ވެސް ވަނީ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް ޝަރީއަށް ފަށައިފައެވެ.