06 Sep 2011, 16:22
ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގައި މާދަމާރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ނިކުންނައިރު، ޓީމް އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބްގެ މެނޭޖަރު އަހުމަދު އަޔާޒު )އަޔާ( ބުނެފި އެވެ.
މާދަމާ ރޭގެ މެޗުގެ ކުރިން މިއަދު މެންދުރު ފަހު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިކްޓަރީގެ މެނޭޖަރު އަހުމަދު އަޔާޒު )އަޔާ( ބުނީ، ދުވަސްތަކަކަށް ފަހު ވާދަވެރި މެޗަކަށް ވިކްޓަރީ ނުކުންނައިރު ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި ވިކްޓަރީއަށް މިމެޗުން ބޮޑު އެޑްވާންޓޭޖެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އަޔާ ބުންޏެވެ.
"ވިކްޓަރީ އޮތީ ފުރިހަމައަށް ތައްޔާރުވެފައި. މާދަމާ ރޭގެ މެޗަކީ ވިކްޓަރީއަށް ފުރިހަމަ އެޑްވާންޓޭޖެއް ލިބޭނެ މެޗެއް ކަމަށް އުންމީދު ކުރަން" އަޔާ ބުންޏެވެ.
އޭނާ ބުނީ، މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާއެކު މެޗް ކާމިޔާބު ކުރެއްވިޖެނަމަ ވިކްޓަރީއަށް ލީގް ކާމިޔާބު ކުރަން ބޮޑު އެޑްވާންޓޭޖެއް އެބޮތް ކަމަށާއި މާދަމާ ރޭގެ މެޗަށް ނުކުންނާނީ މެޗް ކާމިޔާބު ކުރުމުގެ ފުރިހަމަ އުންމީދުގައި ކަމަށެވެ.
"ބޭނުން ވަނީ ފުރަތަމަ މެޗުން ވެސް މޮޅުވާން. މި ބުރު ފަށާއިރު މާޒިޔާއާ ދެކޮޅަށް ކުޅެންޖެހުމަކީ އެއްގޮތަކުން އެޑްވާންޓޭޖެއް. ޓީމު ރޯދަމަހު ވެސް ޕްރެކްޓިސް ކުރަމުން ދިޔަ. އީދު ޗުއްޓީ އަށް ކުޅުންތެރިން އެކި ރަށްރަށް ފުރުމުން ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ މަދު ކުޅުންތެރިން ލައިގެން. އެކަމަކު މިހާރު ހުރިހާ ކުޅުންތެރިން ހަމަ، ވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރަމުންދަނީ. އަނިޔާގެ މައްސަލައެއް ޓީމަކު ނެތް" އަޔާ ބުންޏެވެ.
ވިކްޓަރީ އާއި މާޒިޔާ ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ވިކްޓަރީ އެވެ. އެކަމަކު ދެވަނަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-1 އިން ގެންދިޔައީ މާޒިޔާ އެވެ.
މާދަމާ ރޭގެ މެޗަށް މިދެޓީމް ނުކުންނައިރު، 30 ޕޮއިންޓާއެކު ވިކްޓަރީ ތާވަލްގެ ދެ ވަނާގައި އޮތް އިރު، މާޒިޔާ އޮތީ 24 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ.