ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދުތަކުގެ ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ. އަދި ޔެލޯޓް އެލާޓް ނެރޭ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހއ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގައިވާ ރަށްރަށަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ، 25 މޭލާއި 32 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.

ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކުރެއެވެ.

ކުރިއަށް އޮތް 18 ގަޑިއިރަށް ރާއްޖޭގެ މޫސުމަށް ބަލާއިރު، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ މެޓް އޮފީހުން ލަފާކުރެ އެވެ.

ހާއްސަކޮށް އުތުރާއި މެދުތެރޭގައި ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލުވުމަށް ވެސް މެޓުން އިލްތިމާސްކުރެ އެވެ.

އެ އިދާރާ އިން ބުނީ ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށެވެ.

އެކި ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް:

  • އުތުރުގެ ސަރަހައްދުތަކަށް މިއަދު 1945 އަދި މާދަމާ 09:26ގައި

  • މެދުތެރޭގެ ސަރަހައްދުތަކަށް މިރޭ 21:08 އަދި މާދަމާ 10:27ގައި
  • ދެކުނުގެ ސަރަހައްދުތަކަށް މިއަދު 10:19 އަދި މިރޭ 22:25ގައި

މެޓް އޮފީހުން ބުނީ، ރާއްޖޭ ސަރަހައްދުގެ ބާނި ބޮޑުވުން އެކަށީގެންވަނީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ގަދަވެ ތޫފާނަކަށް ބަދަލުވެފައިވާތީ ކަމަށެވެ