Back
Nov 24, 2025 SUN
SUN

ބަލި ގަބޫލުކުރަން، އެކަމަކު ބަލިވުން ހައްގެއް ނޫން: ނަޒީހު

ބަލި ގަބޫލުކުރަން، އެކަމަކު ބަލިވުން ހައްގެއް ނޫން: ނަޒީހު
Lead photo

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ރޭ ކުޅުނު ފޯރިގަދަ މެޗުން ނިއު މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޔޫވީގެ މިޑްފީލްޑަރު އިސްމާއީލް ޝަފީއު (އިއްސެ)އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައެއް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އިއްސެއަށް ރެފްރީ ރަތްކާޑު ދެއްކީ ނިއުގެ ޑިފެންޑަރު ޖޯޖު ގޮޓޯގެ ފަޔަށް އޭނާ ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ.

ރޭގެ މެޗުގެ ބޮޑުބައެއް ކުޅުންތެރިއަކު މަދުކޮށް ޔޫވީން ކުޅުނު ނަމަވެސް، އެޓީމުން ވަނީ ނިއު ހިފެހެއްޓުމަށް ވަރުގަދައަށް ޑިފެންސް ކޮށްފައެވެ.

"ޓީމު ވަރަށް ރަނގަޅަށް ކުޅެފި. ވަރަށް ރަނގަޅަށް ޑިފެންސް ކޮށްފި. ނިއު ރޭޑިއަންޓަށް އޯޕަން އެންމެ ޗާންސެއް ލިބުނީ ގޯލަށް ޖަހަން. 90 މިނެޓުގެ ތެރެއިން 10 ކުޅުންތެރިންނާއެކު 56 މިނެޓު މި ނިންމާލީ. އެހެންވީމަ އަޅުގަނޑުމެންނަށް ހައްގެއް ނޫން ބަލިވާކަށް،" މެޗަށްފަހު ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުންނެވެ.

ނަޒީހު ބުނީ މެޗުގައި ރެފްރީ މުހައްމަދު ޖާވިޒްގެ ފަރާތުން ގޯސްތަކެއް ފެނުނު ނަމަވެސް އެވާހަކަ މާބޮޑަށް ދައްކަން ބޭނުން ނުވާ ކަމަށެވެ.

"ކުރިންވެސް އަސްލު ނުބުނާން ހުރީ. އަދިވެސް ނުބުނާނަން. އެކަމަކު ރެފްރީގެ ފަރާތުން ގޯސް ނިންމުންތަކެއް ދިޔަ. އެހެންދާނެ. އެއީވެސް އިންސާނުން. އެމީހުން ސަޕޯޓުކުރާ ޓީމުތަކެއްވެސް ހުންނާނެ. އުނދަގޫވެސް ވާނެ އެކަހަލަ ކަންތައްތަކަކާއެކުވެސް،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ރޭގެ މެޗުގެ ނަތީޖާ ގަބޫލުނުކުރި ނަމަވެސް މެޗުން ވި ބަލި، ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑު ޓީމުން 90 މިނެޓު ތެރޭގައި ޕޮއިންޓެއް ހައްގުވާ ވަރަށް މަސައްކަތް ކޮށްފި. މިދައްކަނީ ހުސް ތަރިންގެ ޓީމަކާ ދެކޮޅަށް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވާހަކަ. އަޅުގަނޑު ނަތީޖާއެއް ގަބޫލެއް ނުކުރަން. ބަލިވީމަ ބަލި ގަބޫލުކުރަން. އެކަމަކު ރަނގަޅަށް މެޗު އޮފިޝިއޭޓް ކުރިނަމަ މިހެން ނޫން ނިމެން ޖެހޭނީ،" ނަޒީހު ބުންޏެވެ.

ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗަށްފަހު ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ ރޭގެ މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. އަދި މީގެކުރިން ވިކްޓަރީއާއި އައިޒޯލާ ދެކޮޅަށްވެސް ކުޅުނީ ހަމަ އެކަހަލަ މެޗުތަކެއް ކަމަށާއި، އާއްމުކޮށް މިހާރު ފެންނަނީ ޓީމުތަކުން ނިއުއާ ދެކޮޅަށް ރީތި ފުޓުބޯޅައެއް ކުޅެން ބޭނުން ނުވާތަން ކަމަށެވެ.

ނިއުއަށް މިސީޒަންގައި އެކަހަލަ ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އެޓީމުތަކުގެ ސްޓައިލާ ދެކޮޅަށް ކުޅެން މިހާރު ދަސްކުރަމުންދާ ކަމަށާއި، ރޭގެ މެޗުގައި އެކަން ކާމިޔާބުވިކަމަށް ވެސް އޮސްކާ ބުންޏެވެ.

"ނިއުއިން ދަސްކުރަމުން މިދަނީ ނުވަ ކުޅުންތެރިން އޭރިއާ ތެރޭގައި ތިބެ ވަރަށް ޑީޕްކޮށް ފަހަތަށް ޖެހިގެން ކުޅޭ ޓީމުތަކާ ކުޅެން. ފުރަތަމަ ހާފްގައި، ހާއްސަކޮށް ވާތް ފަޅިން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވުނު. އެކަމަކު އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނު. ދެވަނަ ހާފްގައި ދެފަޅިން ފަހަތަށް ކުޅުނު ކުޅުންތެރިން ކުރިއަށް ޖެހި އިތުރަށް ޕުޝްކުރެވެނު. ދަގަނޑޭގެ އިންޑިވިޖުއަލް ހުނަރާއެކު ޕެނެލްޓީ ލިބި، ޕެނެލްޓީ ކާމިޔާބުވުމުން މެޗު ފަސޭހަކޮށް ދެން ދިޔައީ،" ރޭގެ މެޗު ދިޔަގޮތް އޮސްކާ ކިޔައިދިނެވެ.

މާލޭ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެރޭ 10:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics