06 Sep 2011, 15:58
ކުރީގެ އީޕީއެސް ސްކޫލްގެ ޓީޗަރުން ބޭތިއްބުމަށް ސަރުކާރުން ދޫކޮށްފައިވާ ބިމެއް، އެ ސްކޫލް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދޫކުރި ފަހުން ވެސް ބޭނުން ކުރާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން]އޭސީސީ[ އިން ފެންމަތިކޮށްފި އެވެ.
އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޯކިޑްމަގު ހުދުއަސުރުމާގޭ ކުރިމަތީގައި ހުންނަ މ. "ވައިޓްގޭޓަ"ކީ ސަރުކާރުން އީޕީއެސްގެ ސްކޫލްގެ ޓީޗަރުން ބޭތިއްބުމަށް ދޫކޮށްފައި އޮތް ބިމެއް ކަމަށާއި ނަމަވެސް 27 ޑިސެމްބަރު 2008 އިން ފެށިގެން އީޕީއެސް ސްކޫލް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުން ވެސް، އެ ތަން ބޭނުން ކުރަމުން އަންނަނީ އެ ސްކޫލުން ކަމަށް އެނގިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އީޕީއެސް ސްކޫލު މިހާރު ނުހިންގާ ކަމަށާއި އެތަން އަނބުރާ ދައުލަތަށް ނެގުމަށް ފައިނޭންސް މިނިސްޓްރީ އަށް މި އަހަރުގެ ކުރީކޮޅު އަންގަވާފައިވާނެ ކަމަށެވެ.
އޭސީސީ އިން ބުނީ އީޕީއެސް އަށް ސަރުކާރުން އެ ބިން ދޫކޮށްފައި އޮތީ ސަރުކާރުން ދިން ސަބްސިޑީއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެ މަގުސަދު މިހާރު ހާސިލު ނުވާ ކަމަށެވެ.
"އެތަން އަނބުރާ ދައުލަތަށް ނެގުމަށް ފައިނޭސް މިނިސްޓްރީ އަށް އަޅުގަނޑުމެން އެންގީ، ދައުލަތުން ވަކިބަޔަކަށް ފައިދާ ލިބޭ ގޮތަށް ތަންތަން ދޫކޮށްފައި ބަހައްޓަން ނުޖެހޭނެ ކަމަށް ގަބޫލުކުރާތީ،" އޭސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ އޭސީސީ އިން ފާހަގަ ކުރާ މައްސަލައަކީ ރަނގަޅު މައްސަލައެއް ކަމަށާއި އިންގްލިޝް ޕްރެޕެރޭޓަރީ އެންޑް ސެކަންޑްރީ ސްކޫލް މިހާރު ނުހިންގާ ކަމަށާއި އެ ސްކޫލްގެ ޓީޗަރުން ބައިތިއްބުމަށް، ސަރުކާރުން ސަބްސިޑީއެއްގެ ގޮތުގައި ދޫކޮށްފައިވާ ތަނެއް އެ ނޫން ގޮގަކަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށެވެ.
ޑރ. ނަޒީރު ވިދާޅުވީ އެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން މި އަހަރުގެ ކުރީކޮޅު ފައިނޭންސް މިނިސްޓްރީ އަށާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ލިއުއްވާފައިވާނެ ކަމަށެވެ.
"އެތަން ސަރުކާރުން ދީފައި ވަނީ އީޕީއެސްގެ ޓީޗަރުން ބައިތިއްބުމަށް. ނަމަވެސް މިހާރު އެ މަގުސަދު ހާސިލެއް ނުވޭ،" ނަޒީރު ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބު ވިދާޅުވީ 9 އޯގަސްޓް 1975 ވަނަ އަހަރު އީޕީއެސްގެ ޓީޗަރުން ތިބުމަށް ސަރުކާރުން ދިން ގޯތީގައި އީޕީއެސް އިން ބޮޑު އިމާރާތެއް މިހާރު އަޅާފައިވާ ކަމަށާއި އެތަން އަނބުރާ ނަގާއިރު އެ އިމާރާތަށް ބަދަލު ދިނުމަކީ ތަފާތު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގޯތީގެ ރަޖިސްޓްރީ އަށް ދެ ފަހަރެއްގެ މަތީން ބަދަލުގެނެސްފައިވާ ކަމަށާއި މިހާރު އެތަން އޮތީ އީޕީއެސްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ކަމަށެވެ. ނަމަވެސް ނަޒީރު ވިދާޅުވީ އެއްވެސް ޝަކެއް ނެތް ގޮތުގައި އެއީ ދައުލަތުގެ ބިމެއް ކަމަށެވެ.
"ދައުލަތުގެ އެސެޓެއް އެއީ." ނަޒީރު ވިދާޅުވި އެވެ.
ފައިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއީލް ޝަފީގު މިއަދު ވިދާޅުވީ އެއީ ވަށް "ޝޮރީހަ" މައްސަލައެއް ކަމަށާއި ނަމަވެސް އަދި "އެކްޝަނެއް" ނުނެގިވާ މައްސަލައެއް ކަމަށެވެ.
ޝަފީގު ވެސް ވިދާޅުވީ އީޕީއެސް ސްކޫލް މިހާރު ނުހިންގާތީ ސަރުކާރުން އެތަން ދިން މަގުސަދު ހާސިލު ނުވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ސްކޫލުން އެ ގޯތީގައި ހަދާފައިވާ އިމާރާތަށް ބަދަލު ދޭން ޖެހޭ ނަމަ ބަދުލު ދިނުމަކީ ތަފާތު ކަމެއް ކަމަށާއި ނަމަވެސް އެ ތަން ސަރުކާރަށް އަނބުރާ ނަގަން ޖެހޭ ކަމަށެވެ.
ސަންގެ ނޫސްވެރިން މިއަދު ވައިޓްގޭޓަށް ދިޔަ އިރު، 39 ކޮޓަރީގެ މައްޗަށް ހަދާފައިވާ ހަ ބުރީގެ އިމާރާތް ބޭނުން ކުރަނީ މަހު ކުއްޔަށް ކޮޓަރި ދޫކުރާ އެޕާޓްމަންޓް ހައުސްއެއްގެ ގޮތުގަ އެވެ. މަހަކު 6000ރ. އަށް ކޮޓަރި ކުއްޔަށް ދޫކުރާ އިމާރާތުގެ ހުރިހާ ކޮޓަރިތައް ވެސް ފުލްވެފައިވާ ކަމަށްވެ އެވެ.
އެ ރޭޓުން މަހަކު 234،000ރ. އެ އިމާރާތަށް ލިބޭނެ އެވެ.