24 May 2018, 14:07
އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ގަދަވެ ތޫފާނަކަށް ބަދަލުވެފައިވާތީ ރާއްޖޭ ސަރަހައްދުގެ ބާނި ބޮޑުވެދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ތޫފާނު 'މެކުނު' މިހާރު ހުރީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 2050 ކިލޯ މީޓަރު ދުރުގައި ކަމަށެވެ. އަދި ތޫފާނު ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.
ނަމަވެސް ތޫފާނާ ގުޅިގެން ރާއްޖެ ސަރަހައްދުގެ ބާނި ބޮޑުވެ ކުރިއަށް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އާންމުކޮށް އުދަ އަރާ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެ ސަރަހައްދަށް ދިޔަވަރު ބޮޑުވާ ގަޑިތައް
- އުތުރުގެ ސަރަހައްދުތަކަށް،މިއަދު1945 އަދި މާދަމާ09:26ގައި
މެދުތެރޭގެ ސަރަހައްދުތަކަށް، މިރޭ 21:08 އަދި މާދަމާ 10:27 ގައި
ދެކުނުގެ ސަރަހައްދުތަކަށް، މިއަދު 10:19 އަދި މިރޭ 22:25 ގައި
ކުރިއަށް އޮތް ހަ ގަޑިއިރު ތެރޭގައި ތޫފާނު 'މެކުނު'ގެ ބާރު ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާ ކުރެއެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު އޮމާން އަދި ޔަމަން ގުޅޭ ސަރަހައްދުގެ އައްސޭރި ހުރަސް ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިއަދަށް ލަފާ ކުރާ މޫސުން
- ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވޭ.
- ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި.
- އެހެން ހިސާބުތަކުގައި ގަޑިއަކު07މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި.
- ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައިގަދަވުން އެކަށީގެންވޭ.
- އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ.
- އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަފަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.