ވިއްސާރަވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ހައްދުންމައްޗާއި ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުގެ ރަށްރަށަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 23 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާ ގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާ ކަމަށް މެޓުން ބުނެއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. ހާއްސަކޮށް އުތުރާއި މެދުތެރޭގައި ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލުވުމަށް ވެސް މެޓުން އިލްތިމާސްކުރެއެވެ.

އެ އިދާރާ އިން ބުނީ ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށެވެ.

އެކި ސަރަޙައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް:

  • އުތުރުގެ ސަރަހައްދުތަކަށް މިއަދު 1945 އަދި މާދަމާ 09:26 ގައި

  • މެދުތެރޭގެ ސަރަހައްދުތަކަށް މިރޭ 21:08 އަދި މާދަމާ 10:27 ގައި
  • ދެކުނުގެ ސަރަހައްދުތަކަށް މިއަދު 10:19 އަދި މިރޭ 22:25 ގައި