ތިލަފުށި ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ތެޔޮ ފިއުލް ސަޕްލައި މެދުވެރިކޮށް ގަތުމަށް ފަސް މިލިއަން ރުފިޔާގެ ގެރެންޓީއެއް ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން ހެވީލޯޑަށް ދީފި އެވެ.

ތިލަފުށީ ފަޅު ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި އިން ކްރިޑިޓަށް ނެގުމަށް ފަހު ބިލްތަކަށް ފައިސާ ނުދެއްކިއްޖެ ނަމަ އެ ޒިންމާ ޓީސީއެލް އިން ނަގާ ގޮތަށް ޝަރުތުކޮށް ގެރެންޓީގެ ސިޓީ ހެވީލޯޑަށް ދޫކޮށްފައި ވަނީ މިދިޔަ އޮގްސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

ޓީސީއެލްގެ ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް މެނޭޖާ މުހަންމަދު ލަތީފް މިއަދު ވިދާޅުވީ، ފަސް މިލިއަން ރުފިޔާގެ ތެލުގެ ގެރެންޓީ ހެވީލޯޑަށް ދޫކުރީ ހެވީލޯޑަށް ފައިސާ ނުދެއްކިއްޖެ ހިނދެއްގައި ހެވީލޯޑަށް ޓީސީއެލްއިން ދޭންޖެހޭ ޕްރޮޖެކްޓުގެ އަގުން (21 މިލިއަން ޑޮލަރުން) ނުދެއްކި އޮތް ފައިސާ އުނިކުރާ ގޮތަށް ކަމަށާއި ޓީސީއެލްގެ ބަޖެޓުން އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

"ޓީސީއެލްގެ ބަޖެޓުން އެފައިސާ ދައްކާގޮތަކަށް ނޫން ގެރެންޓީ ލެޓާ ދޫކުރީ. ބަޖެޓުން އެންމެ ފައިސާއެއް ވެސް ނުޖެހޭނެ ދައްކާކަށް. އަޅުގަނޑުމެން ގެރެންޓީ ދިނީ 21 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ކޮސްޓުން އެ ނުދެއްކުނު އަދަދެއް ކަޑަން. އޭރުން ނުދެއްކި އަދަދެއް އުނިކޮށްފައި އިތުރަށް އޮތް އެއްޗެއް ހެވީލޯޑަށް ދޭންޖެނޭނީ،" ލަތީފް ވިދާޅުވި އެވެ.

ބޮޑު އަދަދެއްގެ ގެރެންޓީއެއް ހެވީލޯޑަށް ދިނީ ތިލަފުށީ ހިއްކުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމައްވެސް ލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ޕްރޮޖެކްޓް ހުއްޓޭކަށް. އެހެންވެ އަޅުގަނޑުމެންނަށް ދެވެން އޮތް އެއްބާރުލުމެއް ދެމުން މިދަނީ. އެގޮތުގެ މަތިން މި ލެޓާވެސް މި ދިނީ،" ލަތީފް ވިދާޅުވި އެވެ.

ތިލަފަޅު ހިއްކުމުގެ މަސައްކަތް ހެވީ ލޯޑުން ކުރިއަށް ގެންދަނީ އެމަސައްކަތް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަންގާފައި ވަނިކޮށެވެ. ތިލަފުށިން އަލަށް ހިއްކި 14 ހެކްޓަރުގެ ސަރަހައްދުން އަންނަ މަހު ބިން ދޫކުރާނެ ކަމަށް ވެސް ޓީސީއެލް އިން ވަނީ ބުނެފަ އެވެ.