ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހއ. ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމްގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ކޯޓް އަމުރެއްގެ ދަށުން ހާޝިމް ހައްޔަރުުކުރީ މިދިޔަ އަންގާރަ ދުވަހުގެ މެންދަމު 3:00 ޖަހާކަންހާއިރު އެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ހއ. ފިއްލަދޫ ކޯޓުން ހާޝިމްގެ ބަންދަށް އިއްޔެއިން ފެށިގެން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ހާޝިމް ހައްޔަރުކުރަން ނެރުނު ކޯޓް އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތު ކުރެވިގެންނެވެ.

ސައްހަ ނޫން ލިޔުންތައް އުފެއްދުމުގައި އަލީ ހާޝިމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެ ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި ވަނީ އަލީ ހާޝިމް އެ މައްސަލައިގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލަފާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވައި، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އަޅަމުންދާކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެ ކޯޓު އަމުރުގައިވެއެވެ.

އަދި އޭނާ ހައްޔަރުކުރީ އެ ތުހުމަތުތައް އެ މައްސަލާގައި ކުރެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެފައިވެއެވެ.