24 May 2018, 10:04
ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި އަލަށް ތައާރަފުކުރާ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް" އިފްތިތާހުކޮށް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަންއިންކުން ތައާރަފުކުރާ އެވޯޑެކެވެ.
ރޭ ހުޅުލޭ އައިލެންޑް ހޮޓެލްގައި އެ އެވޯޑު ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރެޖިސްޓާ އޮފް ކޮންޕެނީޒް މަރިޔަމް ވިސާމްއެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިސާމް ވިދާޅުވީ، ރޭ އިފްތިތާހްކުރި އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ވަރަށް ބޭނުންތެރި އެވޯޑެއްކަމަށާއި އެފަދަ އެވޯޑެއް ފެށުމަށް މިހާރުވެސް މާ ލަސްވެފައިވާކަމަށެވެ.
ވިސާމް ވިދާޅުވީ، ވާދަވެރި މާހައުލެއްގައި ރަނގަޅުގޮތުގައި ވާދަކުރަން ނޭގުންއެއީ ރާއްޖޭގެ ވިޔަފާރީގެ މާހައުލުގައި ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެ އެވޯޑުގެ ސަބަބުން ކުންފުނިތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަންނަން ފަސޭހަވެގެންދާނެކަމަށެވެ.
"ރާއްޖޭގައި މިހުރި ވިޔަފާރިތައް ކޮންމެ ގޮތެއްހަދާފައިވެސް އެބަޖެހޭ ކޮންމެސް ސިފައެއްގައި ރިކޮގްނައިޒް ކުރަން. އެގޮތުން މިރޭ މި ތައާރަފްކުރި އެވޯޑުގެ ސަބަބުން ދިވެހި ވިޔަފާރިތައް ރިކޮގްނައިޒް ކުރެވިގެންދާނެ،" ވިސާމް ވިދާޅުވިއެވެ.
ރޭގެ ހަފްލާގައި ބްލޭޒަންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ބްލޭޒަންގެ ޗީފް ސްޓްރެޓެޖީ އޮފިސަރު އަހުމަދު އަސްބާބު ވިދާޅުވީ، ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގެ އިގްތިސާދީ އެކި ސިނާއަތްތަކާއި ދާއިރާތަކުން ފާހަގަކުރެވޭ ވިޔަފާރިތަކަށް ދޭ އެވޯޑެއްކަމަށެވެ. އެ އެވޯޑުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދަށް އެ ވިޔަފާރިއަކުން އަންނަ ބަދަލާއި ރާއްޖޭގެ ވިޔަފާރި ސެކްޓަރުތައް ތަރައްގީކުރުމަށް ކުރާ މަސައްކަތް ފާހަގަކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ފެށުމެއް. މިކަމަކީ ކޮންމެ އަހަރަކުވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމެއް. މީގެ ފައިދާ އަޅުގަނޑުމެންނަށް ކުރާނީ ދުވަހަކަށްވުރެ ދުވަހެއް ކުންފުނިތައް ހަރުފަތަކަށްވުރެ ހަރުފަތެއް މައްޗަށް ދިއުމުން،" އަސްބާބު ވިދާޅުވިއެވެ.
ބިޒްނަސްއެވޯޑު ދޭން ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުން 28 އެވޯޑެވެ. އެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު 23 ޖޫންގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 22 ވަނަ ދުވަހު އޮންނަ ގާލާގައެވެ.