ދެ މަސް ދުވަހަށް ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ކުޅުން މިރޭ ފަށާއިރު، ކުލަބް އީގަލްސްއާ ދެކޮޅަށް ނުކުންނާނީ ވާދަވެރި ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ނިއުރޭޑިއަންޓުގެ މެނޭޖަރު އަންވަރު އަލީ ބުނެފި އެވެ.

މިރޭގެ މެޗާ ބެހޭގޮތުން މިއަދު މެންދުރު ފަހު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުގެ މެނޭޖަރު އަންވަރު ބުނީ، އިދިކޮޅަށް ނިކުންނަ އީގަލްސްއަކީ ބަލި ޓީމެއް ނޫންކަމަށާއި މިރޭގެ މެޗަށް ނުކުންނާނީ ފުރިހަމަ ކާމިޔާބީއެއް ހޯދުމުގެ އަޒުމްގައި ކަމަށެވެ.

" މިދިޔަ ބޮޑު ބްރޭކަށްފަހު ނިއުއިން މިދަނީ ފަހުބުރަށް ތައްޔާރުވަމުން. ނިއުގެ އެބަ އޮވޭ ޓާގެޓެއް. ރޯދަމަހާ އީދާ އެއްކޮށް ބޮޑު ބްރޭކެއް ލިބުނީމަ ޓީމް އެއްކޮށްލައިގެން ޕްރެކްޓިސް ކޮށްލަން ލިބުނީ ވަރަށް މަދު ދުވަސް ކޮޅެއް. އެގޮތުން ނެޝަނަލް ޓީމަށް ވެސް ކުދިންކޮޅެއް ދޫކޮށްލަން ޖެހުނު. އެހެންނަމަވެސް ކުލަބުގެ ޕްރެކްޓިސް މެދުކަޑާނުލައި ކުރިއަށް ދިޔަ." އަންވަރު ބުންޏެވެ.

އޭނާ ބުނީ، ތިން ވަނަ ބުރުގައި ރަނގަޅު ކާމިޔާބީއަކަށް ވާސިލް ވާން ނިއު މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން ޓީމް މިހާރުވެސް އޮތީ ލީގުގެ އެއްވަނައަށް ދިޔުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށެވެ.
"މުބާރާތެއްގަ ވިއްޔާ ކޮންމެ ޓީމެއްގެ ވެސް ޓާގެޓަކީ އެއްވަނަ އަށް ދިޔުން. ލީގުގަ އެއް ވަނަ ނުލިބޭ ހިސާބެއްގައެއް ނޫން މިއޮތީ. ލީގަށް މަސައްކަތް ކުރާނެ. ދެ ވަނަ ބުރު ފަށައިގެން އާއިރު، ފުރަތަމަ ބުރަށް ވުރެ ދެ ވަނަ ބުރުގެ ކުޅުން ރަނގަޅު. ތިން ވަނަ ބުރު ފެށިގެން ދާއިރަށް ތަފާތު އެއަށް ވުރެ ބޮޑުވާނެ. އުންމީދަކީ އެއީ." އަންވަރު ބުންޏެވެ.

އަންވަރުގެ އިތުރުން މިއަދުގެ ނިއުސްކޮންފަރެސްގައި ބައިވެރިވި އީގަލްސްގެ ކޯޗް ބުނީ، ތިން ވަނަ ބުރަށް ނުކުންނައިރު ޓީމްގައި މުހިންމު ކުޅުންތެރިންތަކެއް ނެތް ކަމަށާއި އެހެންނަމަވެސް މިރޭ ނިއުއާ ދެކޮޅަށް އީގަލްސް ނިކުންނާނީ ބަރާބަރަށް ފަރިތަކުރުންތަކުގައި ބައިވެރިވި ކުޅުންތެރިން ހިމަނައިގެން ކަމަށެވެ.

"ނުކުންނާނީ ހަމަ ވަރަށް ރަނގަޅަށް ކުޅެން. ރަނގަޅު މެޗެއް ކުޅެ މޮޅުވާން. މިބުރުގެ ފުރަތަމަ މެޗްގައި އެންމެ އެކަށީގެންވާ ކުޅުން ނުދެއްކި ހިގައިދާނެ. އެއީ މިލިބުނު ބްރޭކްގައި ޕްރެކްޓިސް ނުކޮށް ދިއުމުން. ވަރަށް މަދު ކުޅުންތެރިން ޕްރެކްޓިސްއަށް އަންނަނީ. އެހެން ކަމުން ހުރިހާ ކުޅުންތެރިން އެކީގައި ޕްރެކްޓިސްއެއް ނުކުރެވެ. މިހާރު މިތިބި ކުޅުންތެރިންލައިގެން ތިން ވަނަ ބުރަށް ތައްޔާރު މިވެވުނީ" އީގަލްސް ކޯޗް ބުންޏެވެ.

ކޯޗު ބުނީ ތިން ވަނަ ބުރުގެ ގަދަ ހަތަރެއް ދިފާއު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަމަކު ޓީމްގެ ކުޅުން ތެރިން ސީރިޔަސް ނޫންކަމަށް ވާނަމަ އެއީ އެހާފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ބޭނުން ވަނީ ގަދަ ހަތަރަކަށް ދިއުން. ކުޅުންތެރިން އެހާ ސީރިޔަސް ނޫންކަމަށް ވާނަމަ އެކަމެއް ނުވާނެ. އެހާގާތެއްނޫން ގަދަ ހަތަރަކަށް ދިއުމާ ދޭތެރޭ"
ތިން ވަނަ ބުރުގެ ފުރަތަމަ މެޗަށް ނިއުއާ އީގަލްސް ނުކުންނައިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު 2-0 އިން ކާމިޔާބުކުރީ އީގަލްސް އެވެ. ދެ ވަނަ ބުރުގައި ނިއު ވަނީ އީގަލްސް ކޮޅަށް ހަތް ލަނޑު ޖަހައި މޮޅުވެފަ އެވެ.