މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިންވެސް އެ މަގާމުގައި ހުންނެވި ޔޫސުފް ރިޒާ އައްޔަނު ކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަނުކުރެއްވީ ފަސް އަހަރުގެ ތިންވަނަ ޓާމަށެވެ. ޔޫސުފް ރިޒާ ކުރިން ވަނީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުގައި ފަސް އަހަރުގެ ދެ ޓާމު ފުރިހަމަ ކުރައްވާފައެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ރިޒާ އަކީ އެ މިނިސްޓްރީގެ ޕީއެސް އެވެ.

ރިޒާ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރު އެވެ. އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމާ ހަމައަށް ރިޒާ ވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި ލެބާ އެންޑް ޓްރޭޑް މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައިވެއެވެ.

ޔޫސުފް ރިޒާ މާސްްޓާސް ޑިގްރީ އަދި ގްރޭޖްއޭޓް ޑިޕްލޮމާ ހާޞިލްކުރައްވާފައި ވަނީ ޓުއަރިޒަމްގެ ދާއިރާއިން ޔުނިވަސިޓީ އޮފް އޮޓާގޯ އިންނެވެ. މީގެ އިތުރުން ފްލިންޑަރސް ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިޔާއިން ބެޗްލަރ އޮފް އިނިކޮމިކްސް ހާސިލްކުރައްވާފައި ވެއެވެ.