23 May 2018, 20:54
ގއ.ނިލަންދޫ ޒުވާނުންގެ މަރުކަޒު މަރާމާތަށްފަހު ހުޅުވައި، އަނެއްކާވެސް ހިދުމަށް ދޭން ފަށައިފިއެވެ.
ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލުން ރޯދަމަސް ފެށުނުއިރު ވަނީ ރާއްޖޭގެ ހުރިހާ ޒުވާނުންގެ މަރުކަޒުތަކުގެ ހާލަތު ބައްލަވައި އެތަންތަނަށް ގެންނަންޖެހޭ މަރާމާތާއި ބޭނުންވާ ކުޅިވަރު ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ހަފްތާގައިވެސް ޔޫތު މިނިސްޓްރީން ވަނީ ފަސް ޒުވާނުންގެ މަރުކަޒެއްގެ މަރާމާތު މަސައްކަތް ނިންމާ ހިދުމަތްދޭން ފަށާފައެވެ.
ގއ. ނިލަންދޫ ޒުވާނުންގެ މަރުކަޒު އަލުން ހުޅުވިގެންދިޔުމާ ގުޅިގެން މިނިސްޓްރީގެ ކޯޑިނޭޓަރ ހަސަން ނިޝާއު ވިދާޅުވީ ނިލަންދޫ ޒުވާނުން އެއްތަނެއްގައި ކުޅިވަރު ކުޅެ، މުނިފޫހި ފިލުވުމަށް އިއްޔެ ހުޅުވިގެންދިޔަ ޒުވާނުންގެ މަރުކަޒު ވަރަށް ހިތްގައިމުވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ނިލަންދޫ ޒުވާނުންގެ މަރުކަޒުން އެރަށު ޒުވާނުންނަށް އަމާޒްކޮށްގެން ތަފާތު ހަރަކާތްތައް ހިންގުމުގެ މަސައްކަތް ކުރާނެކަމުގައިވެސް ނިޝާއު ވިދާޅުވިއެވެ. މެދު ކެނޑުމަކަށްފަހު ގއ.ޒުވާނުންގެ މަރުކަޒު އޮފަރޭޝަނަށް ގެނައުމުގައި އެ ރަށުގެ ކައުންސިލާއި އެކި އެކި މުއައްސަސާތަކާއި އަދި ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުން ޔޫތު މިނިސްޓްރީން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.
ޒުވާނުންގެ ކުރިމަގަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ދާދި ފަހުން ޒުވާނުންނަށް ޚާއްސަކޮށްގެން މާލޭގެ މާފަންނު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށްދިޔަ މާހެފުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސައިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ޒުވާނުންގެ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިޔަށްދާކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުންވެސް ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ އެކިއެކި އިމާރާތްތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްވެސް ކުރިއަށްދާ ކަމަސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.