ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އުފައްދާ ވާހަކަ އިއުލާން ކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވެއްދި ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން އެ ޓީވީން ކުށްވެރި ކޮށްފި އެވެ.

ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވާ ޕީޕީއެމް ޕާޓީ އާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް ވެސް ރާއްޖެ ޓީވީގެ ބަޔާނުގައި ވަނީ ސިފަކޮށްފައިވެ އެވެ.

ޕީޕީއެމް އުފެއްދުމަށް ހަރަކާތްތެރިވާ ފަރާތްތަކުން އިންތިޒާމް ކުރާ އެއްވެސް ހަރަކާތަތަކަށް ރާއްޖެ ޓީވީ އަށް ދައުވަތު ދީފައިނުވާ ކަމަށާއި އަދި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖެ ޓީވީ އަށް މަޢުލޫމާތު ދިނުމަށް ތަކުރާރުކޮށް ދެކޮޅުހަދާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް ޕީޕީއެމް އިން އެކަން ދޮގުކުރެ އެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޚްލޫފް ވިދާޅުވީ ރާއްޖެ ޓީވީ ޕީޕީއެމްގެ ބައްދަލުވުންތަކުން ބޭރުކުރާ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭރުކުރަންޏާ ކުރާނީ އެމްއެންބީސީ އެއް ނޫންތޯ؟ އެއީ އެމީހުން އެތަން ހިންގަނީ ގަވާއިދާ ޚިލާފަށް ކަމަށް އެންމެ ގިނައިން މިކަޔަނީ. އެކަމަކު އިއްޔެގެ ބައްދަލުވުމުގައި ވެސް އެންމެ ގިނަ ފުރުސަތު ދިނީ އެމްއެންބީސީއަށް،" މަޚްލޫފް ވިދާޅުވި އެވެ.

މަޚްލޫފް ވިދާޅުވީ ބައެއް ފަހަރަށް ރާއްޖެ ޓީވީން ރޭގަނޑުގެ ވަގުތުތަކުގައި ޕްރޮގްރާމްތަކަށް ދައުވަތު ދޭ ކަމަށާއި ނަމަވެސް އެވަގުތަކީ ވީޓީވީ އާއި ދި ޓީވީން ވެސް ފުރުސަތު ލިބޭ ގަޑިތަކަށް ވާތީ އެދެ ޓީވީގެ ވިއުއާސް ގިނަ ވީމާ ގިނައިން ދެވެނީ އެދެ ޗެނަލް އަށް ކަމަށެވެ.

އަދި އެއްވެސް ހާލެއްގައި ރާއްޖެ ޓީވީ ބޮއިކޮޓް ކޮށްފައިނުވާނެ ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައި ވަނީ ރައީސް މައުމޫން އިއްޔެ ދި ޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އެ ބައްދަލުވުން އިންތިޒާމްކުރި ފަރާތުންނާއި މީޑިއާގެ ފަރާތްތަކުން ހުރަސް އަޅާފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ބަޔާނުގައި ބުނީ މީޑިއާތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމަކީ ނުސީދާ ގޮތެއްގައި މިނިވަން މީޑިއާ އަށް ނުފޫޒުފޯރުވުން ކަމުގައި ދެކޭ ކަމަށެވެ.

އަދި ހަމަހަމަ ގޮތެއްގައި ހުރިހާ މީޑިއާތަކަކަށް ފުރުސަތު ދިނުމަށް ރާއްޖެ ޓީވީ އިން ވަނީ ރައީސް މައުމޫނަށާއި އެމަނިކުފާނުގެ އާއިލާއަށް ގޮވާލާފަ އެވެ.