29 May 2010, 14:52
19:00
ޤައުމީ އަދި ސިޔާސީ އެންމެހާ ކަމެއްގައި އިއްތިހާދުވެފައިވާ ކޯލިޝަނެއްގެ ގޮތުގައި އެމްޑީޕީ އާއެކު މަސައްކަތްކުރުމަށް ރެޑްވޭވް އަހްމަދު ސަލީމުގެ މޯލްޑިވިއަން ލޭބަރ ޕާޓީން މިއަދު ސޮއިކޮށްފި އެވެ.
އެމްޑީޕީ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ލޭބަޕާޓީން ސޮއިކުރެއްވީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. އެމްޑީޕީން ސޮއިކުރެއްވީ އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވީ މި އެއްބަސްވުމަކީ ދެޕާޓީ އިއްތިހާދު ވުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. އަދި ގިނަ ދުވަސްތަކެއްނުވެ މި ދެޕާޓީގެ މެދުގައި ކޯލިޝަނެއް ހެދޭނެ ކަމަށް ވިދާޅުވެ، ދެޕާޓީން ވެފައިވާ އެއްބަސްވުމާބެހޭ ތަފްސީލެއް ވެސް ޒަކީ ދެއްވި އެވެ.
ސަލީމަކި، ކުރީގެ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން، ޚިޔާނާތުގެ ތުހުމަތުތައް ކޮށްފައިވާ ބޭފުޅަކަށްވާތީ، ސަލީމް އެމްޑީޕީއަށް އެއްބާރުލުން ދެއްވުމަށް މި ނިންމެވި ނިންމެވުމުގެ ސަބަބުން އެ ކަންތަކަށް ލުޔެއް އަތުވެދާނެތޯ ރިޕޯޓަރަކު ސުވާލު ކުރުމުން ޒަކީ ވިދާޅުވީ، މިކަމުގެ ސަބަބުން އެ މައްސަލަތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ގައުމީ މައްސަލަތަކުގައި ފަހަތަށްޖެހޭނެ ބައެއް ނޫން ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނުފޫޒުގަދަ މެންބަރެއް ކަމުގައިވާ، ސަރަނގު އާދަމް މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު ދެ މެންބަރަކު މިހާރުވެސް އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް އާދަމް މަނިކު ވިދާޅެއްނުވެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، އެމްޑީޕިއަށް އިތުރުވެގެން މި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އެންމެ މެންބަރެއްނޫން ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީ ބޭނުން ކޮންމެ ކަމެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަމުންދާކަމަށާއި، އެމްޑީއާ އެއްބާރުލުމަށް ސަލީމް ސޮއިކުރެއްވުމުގެ ސަބަބުން މަސައްކަތް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ސަލީމް ވަކާލާތު ކުރައްވާފައިވަނީ، އެމްޑީޕީއާއި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށެވެ. އެހެންކަމުން ސަލީމް ފާހަގަވެގެން ގޮސްވައިވަނީ އަމިއްލަ މެންބަރންގެ ތެރެއިން ސަރުކާރަށް އެންމެބޮޑަށް ފާޑު ވިދާޅުވާ މެންބަރުގެ ގޮތުގައެވެ. އަދި ޑީއާރުޕީގެ ޕޯޑިއަމް ތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސަރުކާރު ވައްޓާލުމަށް ވެސް ސަލީމް ވަނީ ގޮވާލައްވައިފައެވެ. ހާއްސަކޮށް ސަރުކާރުން ކުރާ ކަންކަމަށް ފާޑު ވިދާޅުވެ ލޭބަޕާޓީން ނެރެމުންއައި ނޫސް ބަޔާންތަކަކީ ވެސް ފާހަގަކޮށްލެވޭ ބަޔާންތަކެކެވެ.