އިންފުލުއެންޒާއަށް ޕޮސިޓިވްވި އުމުރުން ދުވަސްވީ މީހަކު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް "ސަން"އަށް ވިދާޅުވީ އިންފްލުއެންޒާއަށް ޕޮސިޓިވްވި މީހަކު ރޭ އެ ހޮސްޕިޓަލުގައި މަރުވެފައިވާ ކަމަށެވެ.

އެމީހާއަކީ އެ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ މަރުވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މިދުވަސްވަރަކީ ހުމާ ރޯގާ އަދި އިންފުލުއެންޒާ ވައިރަސްވެސް ބާރު މިނުގައި ފެތުރެމުންދާ ދުވަސްވަރެކެވެ. ހުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ މީހުން ގިނަވެ ހޮސްޕިޓަލުތައް ތޮއްޖެހިފައިވާއިރު ހުމާއި ރޯގާއިން ސަލާމަތްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހުމާއި ރޯގާ ޖެހުނު ނަމަވެސް އިންފުލުއެންޒާ ޖެހުނީ ނޫން ކަމަށް ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ހުމާ ރޯގާ ޖެހޭ ކޮންމެ މީހަކު އިންފުލުއެންޒާއަށް ޓެސްޓް ނުކުރާނެ ކަމަށްވެސް ބުނެއެވެ.

އިންފުލުއެންޒާގެ އަލާމާތްތައް

  • ހުން އައުން
  • ކަރުގައި ރިހުން
  • ބޮލުގައި ރިހުން
  • ގައިގައި ރިހުން
  • ހީކަރުވާފައި ވަރުދެރަވުން
  • ބޭރަށް ހިންގުން، ހޮޑުލުން

ސަލާމުކަން ދޭންޖެހޭ ކަންތައްތައް

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ

  • ގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
  • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
  • ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
  • ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން

އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.