ރާއްޖޭގެ އެކި ހިސާބުތަަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ދިޔަވަރު ބޮޑުވެ، ބައެއް ރަށްތަަކަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަދު ހެނދުނު 10:00 މާދަމާގެ ހަމަ އެގަޑިއަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެހުޅަނގު ދެކުނާއި ހުޅަނގުން،މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު13މޭލާއި23މޭލާ ދެމެދުގެ ބާރުމިނުގައިވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދިއެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް މެދުތެރޭގެ އަތޮޅުތަކުގައި އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ ކަނޑު ދަތުރުތައް ކުރައްވާ ފަރާތްތަކުން ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.