23 May 2018, 14:49
ވޮޝިންޓަން (މޭ 23): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ލަސްކުރަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވީ ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިންއާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި އެވެ. ރައީސް މޫން އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކިމް އާއި ޓްރަމްޕްގެ ބައްދަލުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި ކިމްއާ އެކު ބައްދަލުވުން ބޭއްވުމުގެ ކުރިން އުތުރު ކޮރެއާއިން ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ. އަދި އެޝަރުތުތައް ފުރިހަމަ ނުކޮށްފި ނަމަ އަންނަ މަހުގެ 12ގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ލަސް ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ލީޑަރު ކިމް އާއި ޓްރަމްޕްގެ ބައްދަލުވުން ހަމަޖެއްސުމަށް މެދުވެރިއެއްގެ ރޯލު އަދާކުރީ ދެކުނު ކޮރެއާއިންނެވެ. އެގޮތުން އެބައްދަލުވުން ބޭއްވުމަށް މާޗް މަހު ކިމް ދެއްވި ދައުވަތު، ޓްރަމްޕަށް ފޯރުކޮށްދިނީ ދެކުނު ކޮރެއާގެ ވަފުދަކުންނެވެ. އޭރު އެވަފުދުން ވަނީ އުތުރު ކޮރެއާ އިން އޮތީ އެގައުމުގެ ނިއުކްލިއާ ހަތިޔާރު ނައްތާލަން ތައްޔާރަށް ކަމަށް ބުނެފަ އެވެ.
ނަމަވެސް ފާއިތުވި ހަފްތާތަކުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން ހިޔާލު ބަދަލުވެފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ. ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އެބަދަލު އައީ މީގެ ދެ ހަފްތާ ކުރިން ލީޑަރު ކިމް، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ި ފަހުންނެވެ.
ލީޑަރު ކިމް އާއި ރައީސް ޓްރަމްޕްގެ ބައްދަލުވުން ބާއްވައިފި ނަމަ އެވާނީ އެމެރިކާގެ ރައީސަކު އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ. (ބީބީސީ)