06 Sep 2011, 14:45
ހަތަރު މަސްވީއިރު ވެސް މަގު ކުނިކަހާ މީހުންނަށް ދޭން ޖެހޭ އެލަވަންސް ނުދީގެން ހދ. ވައިކަރަދޫގެ އަންހެނުންތަކެއް ރަށު އޮފީސް ކައިރިއަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މިއަދު މެންދުރު ރަށު އޮފީސް ކައިއަށް އެއްވި މީހުންގެ ތެރޭގައި ހިމެނޭ އެ ރަށުގެ އަންހެނަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ އެ މީހުން ރަށު އޮފީސް ކައިރިއަށް އެއްވީ މަގު ކުނި ކެހި އެލަވަންސް ނުދީ މިހާ ގިނަ ދުވަސްވެފައިވާ ސަބަބެއް ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވީ އެފައިސާ ނުދޭން ވެގެން ތިބީތޯ ނުވަތަ ފައިސާ ނެތިގެން ނުދެނީތޯ ބަލަން. ކައުންސިލުން ބުނަނީ މިނިސްޓްރީން އެފައިސާ ނޮފޮނުވައިގެން ނުދެވިގެން އުޅެނީ ކަމަށް. ފައިސާ ބަހައިގެން މީހެއްގެ މައްޗަށް މަހަކު 152ރ. އާއި 260ރ.އާ ދެމެދުގެ އަދަދެއް ޖެހޭ،" އޭނާ ބުންޏެވެ.
ވައިކަރަދޫގައި ގާތްގަނޑަކަށް 200 އެއްހާ މީހުން މަގު ކުނިކަހަން ނުކުމެވެ. ނަމަވެސް އެލަވަންސް ފައިސާ ނުދީގެން މިއަދު ރަށު އޮފީސް ކައިރިއަށް އެއްވީ ވިއްސަކަށް މީހުންނެވެ.
އެކަމާ ގުޅިގެން ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަރީފު މިއަދު މަގު ކުނިކަހާ ފައިސާ ނުދެވިގެން އުޅެނީ ބަޖެޓްގައި އެފައިސާ ނެތިގެން ކަމަށެވެ. ނަމަވެސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެފައިސާ ވީހާ ވެސް އަވަހަކަށް ދެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަޖެޓްގައި އެ ފައިސާ ނެތް ވާހަކަ އޮންނާނީ އެއްވި މީހުން ކައިރީގައި ބުނެފައި،" ޝަރީފު ވިދާޅުވި އެވެ.
ވައިކަރަދޫގައި މަގު ކުނިކެހުމަށާއި ސަހަރާ ސާފުކުރުމަށް ގާތްގަނޑަކަށް 18،856.31 ރުފިޔާ ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.