23 May 2018, 10:53
ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަލްމާން ހާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނުކުންނަ ފިލްމު "ލަވްރާތުރީ"ގެ ނަމުގެ މައްސަލަ ހޫނުވެއްޖެ އެވެ.
ދާދި ފަހަކަށް އައިސް ބޮލީވުޑް ފިލްމުތަކުގެ ނަންތަކާ މެދު ހިތްހަމަ ނުޖެހި މުޒާހަރާ ކޮށްގެން ބައެއް ފިލްމުތަކުގެ ނަންތައް ވަނީ ބަދަލުކޮށްފަ އެވެ. ދާދި ފަހުން ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތީ"ގެ ނަމާ މެދު ބަޔަކު ހިތްހަމަ ނުޖެހި މުޒާހަރާކޮށް މަރުގެ އިންޒާރު އެކި ފަހަރުމަތިން ފިލްމުގެެ ތަރިންނަށް ދީފައިވާތީ ފިލްމުގެ ނަން ވަނީ "ޕަދްމާވަތް" އަށް ބަދަލުކޮށް ރިލީޒްކޮށްފަ އެވެ.
އަދި 2013 ވަނަ އަހަރު ދީޕިކާ ޕަދުކޯން ލީޑުން ފެނިގެން ދިޔަ ފިލްމު "ރާމް-ލީލާ" ނަމާ ދެކޮޅަށް ވަނީ ބަޔަކު މުޒާހަރާކޮށްފަ އެވެ. އެކަމުގެ ސަބަބުން އެ ފިލްމުގެ ނަން ވަނީ "ރާމް-ލީލާ: ގޮލިޔޯންކީ ރާސްލީލާ" ބަދަލުކޮށް ރިލީޒްކޮށްފަ އެވެ.
މި ފަހަރު މި މައްސަލަ ޖެހިފައި ވަނީ "ލަވްރާތުރީ" އަށެވެ. ފިލްމުގެ ޝޫޓިން މިހާރު ނިންމާފައިވާ އެ ފިލްމުގެ ނަން ގުޅުވާފައި ވަނީ ހިންދޫން ފާހަގަކުރާ ފެސްޓިވަލް ނަވްރަތީއާ ގުޅުވައިގެންނެވެ. ބޮޑެތި ޖަމާއަތްތަކުން އެ ފިލްމުގެ ނަމަށް ފާޑުކިޔާ އިރު އެ މީހުން ބުނަނީ އެއީ ހިންދޫ ދީނަށް ފުރައްސާރަ ކުރުން ކަހަލަ ކަމެއް ކަމަށެވެ.
ވިޝްނޫ ހިންދޫ ޕަރިޝާދު ޖަމާއަތުގެ ރައީސް އަލޯކް ކުމާރް ބުނީ އެ ފިލްމުގެ ނަން ބަދަލުކޮށްގެން ނޫނީ ފިލްމު އިންޑިއާގައި ރިލީޒްކުރިޔަ ނުދޭނެ ކަމަށެވެ. ނަމަވެސް މި ވާހަކައާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
"ލަވްރާތުރީ" ރިލީޒްކުރާނީ އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގަ އެވެ. ފިލްމުގައި އާޔުޝްއާ އެކު ހަރަކާތްތެރިވާނެ ބަތަލަކީ ވަރީނާ ހުސައިނެވެ.
އޭނާ އަކީ ވެސް ބޮލީވުޑަށް އަލަށް ތައާރަފްވާ ކުއްޖެކެވެ. އިރާގުގެ ބައްޕައަކާއި އަފްޣާން މަންމައަކަށް ލިބުނު ހަމަ އެކަނި ދަރި ވަރީނާއަކީ މޮޑެލްކުރަން ދަންނަ، ކުޅަދާނަ އަންހެން ކުއްޖެކެވެ. އޭނާއަކީ ނިއުޔޯކް ފިލްމް އެކަޑަމީގެ ގްރެޖުއޭޓެއްވެސް މެ އެވެ.
އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ އެެ ފިލްމަކީ ލޯބީގެ ފިލްމެކެވެ.
މަސްދަރު: ހިންދުސްތާން ޓައިމްސް