23 May 2018, 10:42
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ލ. އަތޮޅާއި ހއ. އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ލ. އަތޮޅާއި ހއ. އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު ތިނެއް ޖެހުމާ ހަމައަށެވެ. ހައްދުންމައްޗާއި ތިލަދުންމައްޗާ ދެމެދުގެ އަތޮޅުތަކަށް މިއަދު ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އަދި ވިލާ ގަނޑުގައި 45 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.
މިއަދަށް ލަފާކުރާ މޫސުން
- ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ
- ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވޭ
- ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން،މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު13މޭލާ23މޭލާދެމެދުގެ ބާރުމިނުގައި
- އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި.
- ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް.
މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.
އެހެންކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.