ބޮލީވުޑް ބަތަލާ އަދި މިސް ޔުނިވާސް ސުޝްމީތާ ސެންއަށް ކުޑަކުއްޖެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

މީޑިއާ އާއި ވާހަކަ ދައްކަމުން ސުޝްމީތާ ބުނީ މި އަހަރު ކުރީކޮޅު ބޭއްވި އެވޯޑު ހަފްލާއެއްގެ ތެރެއިން 15 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ގައިގައި އަތްލައި، ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށެވެ.

"އޭނަ ހީކުރީ މީހުން އެއްވެފައި އޮތީމަ އަހަންނަށް ނޭނގޭނެ ކަމަށް ގައިގައި އަތް ލިޔަސް. އެކަމަކު އަހަރެންގެ ބުޑުގައި އޭނާ އަތްލުމުން އަހަރެން ވާނީ އޭނާގެ އަތުގައި ހިފައި ދަމާ ދުރަށް ގެންގޮސްފައި،" ސުޝްމީތާ ބުންޏެވެ.

ސުޝްމީތާ ބުނީ ކުޑަ ކުއްޖެއްގެ ފަރާތުން އެފަދަ ކަމެއް ފެނުމުން އޭނާއަށް ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމަށެވެ.

ސުޝްމީތާ ބުނީ ކުޑަ ކުއްޖަކަށް ވުމުން އެ މައްސަލަ ރިޕޯޓު ނުކުރި ނަމަވެސް، އެކުއްޖާއަށް ނަސޭހަތްދީ ވިސްނައި ދީފައި ވާނެ ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ކުޑަ ކުދިންގެ ފަރާތުން އެފަދަ ކަންކަން ފެންނަނީ، އެއީ ގޯސް ކަމެއް ކަން ބުނެދީ ހޭލުންތެރި ނުކުރާތީ،" ސުޝްމީތާ ބުންޏެވެ.

ބޮލީވުޑް ފަންނާނުން އަބަދުވެސް ބޭރަށް ނުކުމެ ހަދަނީ އެމީހުންގެ ހަށިފާރަވެރިންނާ އެކުއެވެ. ނަމަވެސް ހަށިފާރަވެރިންނަށް ވެސް އެއްވެފައިވާ މީހުން ކޮންޓްރޯލް ނުކުރެވޭ ފަހަރު އާދެއެވެ.

އެގޮތުން އެންމެ ފަހުން އެފަދަ ހާދިސާ އަކާ ކުރިމަތިލާން ޖެހިފައި މިވަނީ ސުޝްމީތާ އަށެވެ.