06 Sep 2011, 14:30
ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ދިނުމަށް މާލިއްޔަތު ކޮމެޓީން ފާސްކުރި 20000ރ. ގެ ކޮމެޓީ އެލަވަންސާ ދެކޮޅަށް ހާއްސަ ކެމްޕޭނެއް ފަށައިގެން އުޅޭ ޒުވާނުންނާއި މަޝްވަރާކުރެއްވުމަށް މެންދުރުގެ ފަރިކޮޅަށް މުލިއާގެއަށް ވަޑައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އެ ހަރަކާތުގައި އިސްކޮށް އުޅޭ ފަރާތްކަށް ދައުވަތު ދެއްވައިފި އެވެ.
ކޮމެޓީ އެލަވަންސާ ދެކޮޅު މަސައްކަތުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް ޝަފާޒް ވަޖީހު މިއަދު ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުންނާ އެކު މަޝްވަރާކުރުމަށް ރައީސާއެކު މުލިއާގޭގައި މެންދުރުގެ ފަރިކޮޅުގައި ބައިވެރިވުމަށް ރައީސް އިއްޔެ ދައުވަތު ދެއްވާފައިވާކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއްގައި ފޮރުވިފައިވާ ބައްދަލުވުމެއް ބޭއްވުމަށް ނުފެންނާތީ އެ ހުށަހެޅުން ގަބޫލު ނުކުރާކަމައްވެސް ޝަފާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއެކު ފިނޭންސްމިނިސްޓްރީ ކައިރީގައި ވާހަކަ ދެއްކެވިތާ އިރުކޮޅެއް ނުވެ ރިކުއެސްޓެއް އައީ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސާ ވެސް އެކު މުލިއާގެއަށް މެންދުރުގެ ފަރިއްކޮޅަށް ދާން. ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވުނީ ފޮރުވިގެން އެފަދަ ބައްދަލުވުމެއް މަޖިލީހުގެ މެންބަރުންނާ އެކުވެސް ބޭއްވުމަށް. އޭރުން އާންމު ރައްޔިތުންނަށް އެކަމުގައި ނުބައި މާނަތަކެއް ނެގިދާނެ،" ޝަފާޒް ވިދާޅުވި އެވެ.
ރައީސާއެކު ފަރިއްކޮޅުގައި ބައިވެރިވާން މުލިއާގެއިން ދައުވަތު އައިރު އެ ކެމްޕޭނުގެ އިސް ފަރާތްތަކާ ފިނޭންސް މިނިސްޓްރީ ކުރިމަތީ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ "އެ އެލަވަންސް ނެގުމަށް މަޖިލީހުން ނިންމައި، ބަޖެޓްކޮށްފައިވާތީ، އެ އެލަވަންސް ދޫކުރުން ގާނޫނީ ގޮތުން ހުއްޓުވޭނެ ގޮތެއް ސަރުކާރަށް ނޯންނާނެ" ކަމަށެވެ.
ޝަފާޒް ވިދާޅުވީ އެ ދައުވަތާއި ގުޅިގެން ޕަބްލިކް ފޯރަމްއެއްގައި މަޖިލީހުގެ މެންބަރުންނާއެކު މަޝްވަރާކުރުމަށް ރައީސަށް ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެގޮތަށް ބައްދަލުކުރަން ނުފެނުނީމަ، ރައީސަށް ދަންނަވާފައި ވާނީ ޕަބްލިކް ފޯރަމަކުން ބައްދަލުކުރުމަށް. ނަމަވެސް އަދި އެކަމަށް ޖަވާބެއް ނާންނަކަން ޔަގީން. އެގޮތަށް ހަމަޖެހިއްޖެ ނަމަ އަޅުގަނޑުމެން، ގިނަ ބަޔަކަށް ފެންނާނެ ގޮތަށް އެބައްދަލުވުން ބާއްވަން މަސައްކަތް ކުރާނަން. އަޅުގަނޑަށް ޔަގީން މަޖިލިސް މެންބަރުންނަށް މިކަމުގައި ދެއްކޭނެ ވާހަކަތަކެއް ނެތް ކަން،" ޝަފާޒް ވިދާޅުވި އެވެ.
ކޮމެޓީ އެލަވަންސާ ދެކޮޅު ކެމްޕޭނުގެ އާންމު އެކްޓިވިސްޓުން ބުނަނީ ކޮމެޓީ އެލަވަންސަކީ މެންބަރުންނަށް ހައްގު އެއްޗެއް ނޫންކަމަށާއި އެއީ ރިޝްވަތުގެ ފައިސާ ކަމަށެވެ.