މޯބައިލް ފޯނު ބޭނުން ކުރުމުގައި ވައިޓްހައުސްގައި ގެންގުޅޭ ޕްރޮޓޮކޯލް ދޫކޮށްލައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަ ފޯނުން ޓްވީޓު ކުރެއްވުން ކުރިއަށް ގެންދަވާކަމަށް ހަބަރުތައް ބުނެފިއެވެ.

ހަބަރުތައް ބުނާގޮތުން ޓްރަމްޕް ދެ އައިފޯނު ގެންގުޅުއްވައެވެ. އެއީ ފޯނު ކޯލުތައް ކުރުމަށް ފޯނެއް އަދި ޓްވީޓު ކުރައްވައި ޚަބަރު ކިޔުއްވުމަށް ފޯނެކެވެ. އެމެރިކާގެ ރައީސްގެ ފޯނުތަކަކީ ވަކި ސެކިއުރިޓ ފީޗާސްތަކެއް އެކުލެވޭ ގަވައިދުން އިންސްޕެކްޓް ކުރެވޭ ފޯނުތަކަކަށް ވާންޖެހުނު ނަމަވެސް ޓްރަމޕްގެ ފޯނުތަކަކީ އެގޮތަށް އިންސްޕެކްޓް ކުރާ ފޯނުތަކެއް ނޫނެވެ. އެންމެ ކުޑަމިނުން ކެމެރާ ބޭނުން ކުރުން މަނާކުރަ ޕްރޮޓޮކޯލަށްވެސް ޓްރަމްޕް އަމަލެއް ނުކުރައްވައެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާ ބޭނުން ކުރެއްވި ފޯނަކީ ކެމެރާ ޑިސްއޭބަލް ކޮށްފައިވާ މައިކްރޯފޯނުވެސް ބޭނުން ކުރެވޭ ފޯނެއް ނޫނެވެ. ނަމަވެސް ޓްރަމްްޕްގެ ކޯލު ކުރާ ފޯނުގައި މި ފީޗާސް ތައް އެކުލެވޭ ކަމަށާއި އެއީ ހެކަރުންނަށް ފޯނުު ހެކް ކުރަން ލިބޭ ފުރުސަތެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޓްރަމްޕް މި ޕްރޮޓޮކޯލުތަކަށް އަމަލު ނުކުރައްވަނީ "އުނދަގޫ ކަމުން" ކަމަށް ވައިޓްހައުސްގެ އޮފިޝަލަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އެންމެ ފަހުން ޓްރަމްޕްގެ ފޯނު ޗެކް ކޮށށްފައިވަނީ މީގެ ފަސް މަސް ކުރިންނެވެ. ހަބަރުތައް ބުނާގޮތުން ޕްރޮޓޮކޯލުގެ ދަށުން ކޮންމެ 30 ދުވަހަކުން ފޯނު ސެކިއުރިޓީ ޗެކް ކުރަން ޖެހެއެވެ.