06 Sep 2011, 14:15
ސިވިލް ކޯޓުން ކުރި ހުކުމަކަށް ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑުން އަމަލު ނުކުރުމުން 1966 އަހަރު އަމަލު ކުރަންފެށި ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުންފުނި 150ރ. އިން ޖޫރިމަނާކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ، މަރިޔަމް ނިހާޔަތު މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ފޯކަސް އިންފޯކޮމް އިން ހ. އަތިރީގެއާގެ އިސްމާއިލް ހިލްމީއަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމަށް އެ ކުންފުނިން އަމަލުކޮށްފައި ނުވުމުން 150ރ. އިން ޖޫރިމަނާ ކުރާ ކަމަށެވެ.
އަދި ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދު ރިޔާއަތްކޮށް ގާނޫނުލް އުގޫބާތުގެ 88 މާއްދާގެ )ހ(ގެ ދަށުން ކަމަށް އެ ހުކުމް އިއްވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭ ފޯކަސް އިންފޯކޮމްއިން 150ރ. ސިވިލް ކޯޓަށް ދައްކަންޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ. އަދި އިސްމާއިލް ހިލްމީއަށް ފޯކަސް އިންފޯކޮމްއިން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހޭނެ ކަމަށް ބުނެ ކޯޓުންކޮށްފައިވާ ހުކުމަށް އަމަލު ކުރަންޖެހޭނެ ކަމަށް އެ ކުންފުޏަށް އަންގާކަމަށް ވެސް ގާޒީ ނިހާޔަތު އިއްވެވި ހުކުމްގައިވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވުޖޫދަށް އައި ގާނުނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ )ހ( ގައި ބުނެފައި ވަނީ ޝަރުއީ އަދި ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރި ވުމަކީ ކުށެއް ކަމަށެވެ. އަދި އެ ކުށްކޮށްފި މީހެއްގެ އަދަބަކީ 6 މަސް ދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދު ކުރުން ، ނުވަތަ 150ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ސާޅީސް ފަސް އަހަރު ކުރިން ފެށިގެން އަމަލް ކުރަމުން އައި ގާނޫނުލް އުގޫބާތު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. އެ ގާނުނު ފާސް ނުކުރެވި މަޖިލީހުގައި ތާށިވެފައި ވުމުން ކުށާއި ޝަރީއަތްތަށް ހިންގުމަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށް ސަރުކާރުން ބުނަމުންދެ އެވެ.