22 May 2018, 22:05
ދިރޭތަކެތީގެ ދުވަހާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ އަލް މަދަރަސަތުލް މުނައްވަރާގެ ދަރިވަރު ޝައުނާ ރަޝީދު ހޯދައިފިއެވެ.
ޝައުނާ މަޒުމޫނު ލިޔެފައިވަނީ މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ- ނެޗުރަލް ކެޕިޓަލް އޮފް މޯލްޑިވްސް ގެ މައްޗަށެވެ. އޭނާއަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ 2500 ރުފިޔާގެ ގިފްޓްކާޑެއް މިއަދު އަރުވައިފައެވެ.
އެ މުބާރާތުގައި މަޒުމޫނު ލިޔެފަައިވަނީ އިނގިރޭސިބަހުންނެވެ.
ދުނިޔޭގެ ދިރޭތަކެތީގެ ދުވަސް ފާހަގަ ކުރުމަށް މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޒުމޫނު ލިޔުމުގެ މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ވަނީ އިނާމުތައް ދީފައެވެ.

ދިރޭތަކެތީގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި "ޕެމްފިސް" ގެ ނަމުގައި މަޖައްލާ ނެރެދެއްވަނީ-- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ
މި އަހަރުގެ މާޗް 18 އިން އޭޕްރީލް 18 އަށް ކުރިއަށް ގެންދިޔަ އެ މުބާރާތުން ވަނަވަނައަށް އަދި ދަރިވަރުންނަށް ސެޓްފިކެޓް، ހަނދާނީ ލިޔުން އަދި އިނާމު ދެއްވީ އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ޒިޔާދު އަދި ޕާރަމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖުވަދު މުޞްޠަފާ އެވެ.
އެ މުބާރާތުން ދެވަނަ އަށްް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ދަރިވަރު އައިޝަތު ޔަޝާ އަހުމަދެވެ. އަދި ތިން ވަނައަށް ހޮވިފައިވަނީ ނޮޅިވަރަމް ސްކޫލުގެ ދަރިވަރު ސަހާ މުއާވިޔަތެވެ.
މިއަދުގެ ރަސްމިއްޔާތުގައ "ޕެމްފިސް" ގެ ނަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ނޫސް މަޖައްލާ އެއްވެސް ނެރެފައެވެ. އެ ނޫސް މަޖައްލާ ނެރެދެއްވީ އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ޒިޔާދު އެވެ.