ދިވެހި އުފެއްދުންތައް ވިއްކުމަށް ހަދާފައިވާ ދަތުރުވެރިންގެ ވަގުތީ މާރުކޭޓުގެ ގޮޅިތައް މަހަކު 750ރ. އަށް ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ދިވެހި ދަނޑުވެރިން ހައްދާ އުފެއްދުންތައް ވިއްކުމަށް ދަނޑުވެރިންނަށް ހާއްސަ މާރުކޭޓުގެ ގޮޅިތައް ތިން މަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގެ އަގުލަބިއްޔަތުންނެވެ.

މީގެ ކުރިން ހުރި ހިލޭ ސާބަހަށް ދަޑުވެރިންނަށް ދީފައި ހުރި ގޮޅިތައް ކުއްޔަށް ދޭން ފެށުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ މެންބަރު ޖަމްބު ހަސަން އަފީފް މިއަދު ވިދާޅުވީ މާރުކޭޓު ގޮޅިތަށްމަހަކު 750ރ. އަށް ކުއްޔަށް ދޭން ނިންމީ ދަތުރުވެރިންގެ މާރުކޭޓު ތަރައްގީކޮށް ޒަމާނީ ބަދަލުތަށް ގެނެވޭނީ އެކަމުގައި ދަޑުވެރިންގެ ހިއްސާ އޮވެގެން ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އެ ގޮޅިތަށް ތަރައްގީ ކުރުމަށް އެތަނުން ލިބޭ ފައިސާ ބޭނުންކުރާނެ ކަމަށެވެ.

"ސަރުކާރެއް ވެސް އެއްޗެއް ނުލިބިއެއް ނުހިންގޭނެ. އެގޮތަށް އެއްޗެއް އެތަނުން ލިބިގެން އެތަނުގައި ދާއިމީ ޒަމާނީ މާރުކޭޓެއް ވެސް ހެނދޭނީ. އެފައިސާ އެތަނަށް ހަރަދުކުރެވިގެން އެގޮތަށް އެކަން އޮތީމައި އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތެއް ކަމަށް މި ފެނުނީ،" ކުރީގެ ފިލްމީ ތަރި، އަފީފު ވިދާޅުވި އެވެ.
ގޮޅިތައް ކުއްޔަށް ދިންނަނަމަވެސް އެގޮޅިތައް އެކި ފަރާތްތަކަށް އެކި އަގުތަކަށް ގަނެ ވިއްކާ ހެދުމަކީ މަނާކަމެއް ކަމަށާއި އެގޮތަށް އަމަލުކުރާ މީހުންގެ އަތުން އެ ގޮޅިތަށް އަތުލާނެ ކަމައްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ސީދާ ދަނޑުވެރިންނަށް އެ ގޮޅިތައް ދިނުން. ސީދާ ދަޑުވެރިޔާ މާރުކޭޓަށް ވެއްދުން. އެތަނަށް އެހެން މީހުން އައިސްގެން ދަމާ ކަޑާ އުސޫލަށް އެތަނުގައި ވިޔަފާރި ކުރާކަށް ފުރުސަތެއް ނޯންނާނެ. މިއީ ވިޔަފާރި ކުރާ މީހާއަށް އޮތް ފުރުސަތެއް،" އަފީފް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ މާރުކޭޓުގެ ގޮޅިތައް އަންނަ މަހު އެކަކަށް ދޫކުރާނެ ކަމަށެވެ.