މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޕޯސްޓުގެ ޒަރިއްޔާއިން އެކި ފަހަރު މަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.74 ކިލޯގްރާމްގެ ބަރުދަނުގެ ޕާޓީ ޑްރަގްތަކެއް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިއަހަރުގެ މާޗު މަހާޢި އޭޕްރިލް މަހުގެ ތެރޭގައި ޕޯސްޓް ޕާސަލްތަކުގައި ފޮރުވައިގެން 24 ފަހަރެއްގެ މަތިން ޕާޓީ ޑްރަގް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.

ވިލާތުގެ ގައުމުތަކެއް ކަމުގައިވާ އިނގިރޭސިވިލާތް، ގްރީސް، ޖަރުމަނު، ބެލްޖިއަމް އަދި ނެދަލެންޑްސްއިން ރާއްޖެ ފޮނުވާފައިވާ މިތަކެތީގެ ތެރޭގައި ހިމެނެނީ އެކްސްޓަސީ، ހެރޮއިން، އެމްފެޓަމައިން، މެތަންފެޓަމައިން، މެފެޑްރޯން އަދި މެތުމެތިނޯން ފަދަ ބާވަތްތަކެވެ.

ކަސްޓަމްސް އިން ބުނީ ދެ މަސް ތެރޭގައި 24 ފަހަރެއްގެ މަތިން އަތުލައިގެންފައިވާ 1.74 ކިލޯގެ މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ.