Back
Nov 24, 2025 SUN
SUN

އިކުއަޓޯރިއަލް ގިނީއާ އެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފި

އިކުއަޓޯރިއަލް ގިނީއާ އެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފި
Lead photo

މެދުތެރޭ އެފްރިކާގެ ގައުމެއް ކަމުގައިވާ އިކުއަޓޯރިއަލް ގިނީއާ އެކު ދިވެހިރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.

ރާއްޖެއާއި އިކުއަޓޯރިއަލް ގިނީއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އިކުއަޓޯރިއަލް ގިނީގެ ދާއިމީ މިޝަންގައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ނިއުޔޯކުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދާއި އިކުއަޓޯރިއަލް ގިނީގެ ދާއިމީ މަންދޫބު އަނަޓޯލިއޯ ންޑޮންގް މްބާއެވެ.

ރިޕަބްލިކް އޮފް ކޮންގޯއަކީ ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރާ 169 ވަނަ ގައުމެވެ.

އިކުއަޓޯރިއަލް ގިނީއަށް ނަން ދީފައިވަނީ އީކުއޭޓަރުގެ އިތުރުން އެފްރިކާގެ ހުޅަނގުގައި އޮންނަ ގަލްފް އޮފް ގިނީއަށް ނިސްބަތްކޮށެވެ. ގިނީ އެކުލެވިގެންވަނީ އެފްރިކާ ބައްރުގެ މެއިންލޭންޑުގއި ހިމެނޭ ސަރަހައްދެއްގެ އިތުރުން ގަލްފް އޮފް ގިނީގައި އޮންނަ ފަސް ރަށެއްގެ މައްޗަށެވެ.

އެފްރިކާގެ އެކިއެކި ގަބީލާތަކުން އިކުއަޓޯރިއަލް ގިނީގައި އުޅެމުން ދިޔަ އިރު، ދުނިޔެއަށް އެގައުމު އެނގިގެން ދިޔައީ 1471 ވަނަ އަހަރު ޕޯޗުގަލްގެ ދަތުރުވެރިޔާ ފެރްނާއޯ ޑޮ ޕޯއަށް އިކުއަޓޯރިއަލް ގިނީގެ ބިއޯކޯއޭ ކިޔުނު ޖަޒީރާ ފެނުނު ހިސާބުންނެވެ. އެއަށްފަހު 1777 ވަނަ އަހަރު ޕޯޗުގީޒުން ވަނީ އިކުއަޓޯރިއަލް ގިނީއަށް އެރުމަށާއި، އެގައުމުން އަޅުންގެ ގޮތުގައި މީހުން ގެންދިއުމުގެ ހައްގު ސްޕެއިންއަށް ވެސް ދީފައެވެ. އެ ގައުމަށް އޭގެ ފަހުން ކިޔައި އުޅުނީ ސްޕެނިޝް ގިނީއެވެ.

އެއަށްފަހު ސްޕެއިންއިން އިސްތިއުމާރުކޮށްގެން އުޅުނު އިކުއަޓޯރިއަލް ގިނީއަށް މިނިވަންކަން ލިބިގެން ދިޔައީ 1968 ވަނަ އަހަރުއެވެ.

އިކުއަޓޯރިއަލް ގިނީއަކީ އެފްރިކާ ބައްރުގައި ހުރި، ސްޕެނިޝް ބަހުން ވާހަކަދައްކާ މީހުން އުޅޭ ހަމައެކަނި ގައުމެވެ. އެގައުމުގެ 70 ޕަސަންޓު ރައްޔިތުން ސްޕެނިޝް ބަހުން ވާހަކަދައްކާ އިރު، ދެން އެންމެ ގިނަ ރައްޔިތުން ވާހަކަދައްކާ ބަހަކީ ފަރަންސޭސި، އަދި ޕޯޗުގީޒް ބަހެވެ. އިކުއަޓޯރިއަލް ގިނީގެ ވަށައިގެންވާ އެފްރިކާގެ އެހެން ގައުމުތަކުން ވާހަކަދައްކާ އުޅެނީ ފަރަންސޭސި ބަހުންނެވެ.

1.2 މިލިޔަނެއްހާ ރައްޔިތުން ދިރިއުޅޭ އިކުއަޓޯރިއަލް ގިނީގައި ތެލުގެ ރިޒާވެއް ހުރިކަން އެނގިގެން ދިޔައީ 1995 ވަނަ އަހަރުއެވެ. އޭގެ ފަހުން އެގައުމުން ދަނީ އުމްރާނީ ތަރައްގީއަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުންނެވެ. އެފްރިކާގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުތަކުގެ ތެރޭގައި އެގައުމު ހިމެނެއެވެ.

އިކުއަޓޯރިއަލް ގިނީގެ ރައީސަކީ މިވަގުތު އެފްރިކާ ބައްރުގައި މިހާރު ހުންނެވި އެންމެ ގިނަ ދުވަހު ވެރިކަން ކުރި ލީޑަރެވެ. ރައީސް ޓިއޮޑޮރޯ އޮބިއަންގް ންގުއެމާ ރައީސްކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ބޮޑުބޭބެ ފްރަންސިސްކޯ ންގުއެމާގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، 1979 ވަނަ އަހަރުއެވެ. ހިއުމަން ރައިޓްސް ވޮޗް ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ރައީސް ޓިއޮޑޮރޯއަށް ކޮރަޕްޝަނާއި އިންސަނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި ތުހުމަތުތައް ވެސް އަމާޒުކޮށްފައެވެ.

އިކުއަޓޯރިއަލް ގިނީ

  • ވެރިކަން ކުރާ ސިޓީ: މަލާބޯ
  • ދުނިޔޭގެ 141 ވަނައަށް އެންމެ ބޮޑު ގައުމު (28،050 އަކަ ކިލޯމީޓަރު)
  • ދައުލަތުގެ އިސްވެރިޔާ: ރައީސް ޓިއޮޑޮރޯ އޮބިއަންގް ންގުއެމާ
  • ބޮޑުވަޒީރު: ފްރަންސިސްކޯ ޕަސްކަލް އޮބާމާ އަސުއޭ
  • ރަސްމީ ބަސް: ސްޕެނިޝް
  • އެންމެ މަގުބޫލު ކުޅިވަރު: ފުޓުބޯޅަ
  • އެންމެ ބޮޑު އިގްތިސާދީ ދާއިރާ: ތެޔޮ ނެގުން

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics