06 Sep 2011, 11:50
ޑެންގީ އަށް ޓެސްޓް ނުކުރެވޭ ކަމަށް ބުނެ ބަޔަކު މީހުން ގއ. ގެމަނަފުށީ ސިއްހީ މަރުކަޒުގެ އިދާރީ އޮފީސް ބަންދު ކޮށްފި އެވެ.
ގެމަނަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ސިއްހީ މަރުކަޒުގެ އޮފީސް ބަޔާއި ކޮމިއުނިޓީ ހެލްތު ވޯކަރުން ތިބޭ ބައި ބަންދުކުރީ އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު ހެނދުނު ކަމަށެވެ.
ގެމަނަފުށިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މަރުކަޒުގެ އެ ދެބައި ބަންދުކުރީ ދޮރުތައް ބަނދުކޮށް ލަކުޑިފަތި އެޅުމަށް ފަހު މޮހޮރު ޖަހައިގެނެވެ. އެއީ މިދުވަސްވަރު އެ ރަށުގެ ގިނަ ބަޔަކަށް ޑެންގީ ޖެހެމުންދާއިރު ބޮޑު ހަރަދެއްކޮށްގެން ޑެންގީ ޓެސްޓް ހަދަން ގދ. ތިނަދޫ އަށް ދާން ޖެހޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.
ގެމަނަފުށީ ސިއްހީމަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ކަލީމް ވިދާޅުވީ ހެނދުނު އޭނާ ސިއްހީ މަރުކަޒަށް ވަޑައިގެންނެވިއިރު އިދާރީ ބައިގެ ދޮރުގެ ހުރަހަށް ލަކުޑިފަތިއަޅައި ބަންދުކޮށްފައިވާ ކަމަށާއި ހިތްހަމަނުޖެހިގެން އުޅުނު، އެ ރަށުގެ ބަޔަކު ބަންދު ކުރި އިދާރީ ބަޔާއި ކޮމިއުނިޓީ ހެލްތު ވޯކަރުން ތިބޭ ބައި ވެސް މިހާރު ހުޅުވާފައިވާ ކަމަށެވެ.
ޑެންގީއަށް ޓެސްޓު ކުރާ ކިޓް މިވަގުތު މަރުކަޒުގައި ނެތް ނަމަވެސް އިތުރު ޓެސްޓްތައް ހަދައިގެން ޑެންގީ ހުމަށް ފަރުވާދެވޭނެ އިންތިޒާމް އެ މަރުކަޒުގައި ހަމަޖެހިފައިވާ ކަމަށާއި ބަޔަކު ހިތް ހަމަނުޖެހުން ފާޅުކުކޮށް އިދާރީ އޮފީސް ބަނދުކުރީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ކަލީމް ވިދާޅުވި އެވެ.
ގެމަނަފުށީގައި ވައިރަލް ފީވާ އާއި ޑެންގީ ހުން ފެތުރެމުންދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވެސް ކަލީމް ވިދާޅުވި އެވެ.