އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އީރާނުން ކުރުމަށް އެމެރިކާ އިއްޔެ އެދުނުކަންތައް ތަކުގެ ތެރެއިން އެންމެ ކަމެއްވެސް ނުކުރެވޭނެ ކަމަށް އީރާނުގެ ރައީސް ޙަސަން ރޫހާނީ ވަނީ ވިދާޅުވެފަ އެވެ.

ރޫހާނީ ވިދާޅުވީ އެމެރިކާގެ މަގްސަދަކީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެމެރިކާގެ ގޮނޑިކޮއްކޮއަކަށް ވެގެން ވެރިކަންކުރާނެ ނިޒާމެއް އީރާނުގައި އުފެއްދުންކަމުގަ އެވެ. މިކަން ކުރަން އެމެރިކާ އުޅޭތާ 40 އަހަރު ވެއްޖެކަން ހާމަކުރައްވަމުން ރޫހާނީ ވިދާޅުވީ އެމެރިކާ މަތިމަތިން ޑިޕްލޮމަސީ ދެއްކި ނަމަވެސް އެމެރިކާގެ ހަގީގީ މަގްސަދަކީ ސައޫދީ އަރަބިޔާގައި އޮންނަ ފަދަ އެމެރިކާގެ ޕަޕެޓް ވެރިކަމެއް އީރާނުގައި ވެސް ގާއިމްކޮށް މުޅި ސަރަހައްދުގައި އެމެރިކާގެ ހަންފެތުރުން ކަމުގަ އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އެމެރިކާއަކީ އީރާނުން ކުރަން ޖެހޭ ކަންކަމާ ނުކުރަން ޖެހޭ ކަންކަން އަންގަން ކޮން ފެންވަރެއްގެ ގައުމެއްތޯ އަދި އެމެރިކާއަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ބޮޑު ސަރުކާރުތޯ ރޫހާނީ ވަނީ ސުވާލު އުފައްދައިފަ އެވެ.

އީރާނުގެ ނިއުކްލިޔަ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ އިއްޔެ ވަނީ މުސްތަގްބަލްގައި އެމެރިކާ އިން އީރާނާ މުއާމަލާތްކުރާނެ ގޮތުގެ މަގުޗާޓެއް އިއްލާން ކުރައްވައިފަ އެވެ. މި މަގުޗާޓު ބިނާވެފައި ވަނީ އެމެރިކާ އެދޭ 12 ކަމަކަށް އީރާނުން އިޖާބަ ދިނުމުގެ މައްޗަށެވެ. މިކަންކަމަށް އިޖާބަ ދިނުމަށް މުއްދަތެއް ދިނުމަށް ފަހު އިޖާބަނުދީފި ނަމަ އީރާނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަމުންގޮސް އެމެރިކާގެ ތާރީޚުގައި ވެސް ގައުމަކާ ދެކޮޅަށް ނާޅާވަރުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޕޮންޕެއޯ ދެއްވި އެވެ.

އީރާނުން އިޖާބަ ދިނުމަށް ޕޮންޕެއޯ އިއްލާން ކުރެއްވި ކަންތައްތަކުގެ ތެރޭގައި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމާއި އިސްރާއީލާ ދެކޮޅަށް ހަރަކާތްތެރިވާ ޙަމާސް އާއި ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުމާއި ސޫރިޔާއިން އީރާނުގެ ބާރުތައް ބޭލުމާއި ގުދްސުގެ ލަޝްކަރުގެ ނަމުގައި އީރާނުން އެކުލަވާލާފައިވާ ލަޝްކަރުގެ ހަރަކާތްތައް ހުއްޓާލުމާއި އިރާގަށް ނުފޫޒު ފޯރުވުން ހުއްޓާލުމާއި ޔަމަންގެ ހޫޘީ ޖަމާއަތަށް އީރާނުން އެއްބާރުލުން ދިނުން ހުއްޓާލުން ހިމެނެ އެވެ. އަދި އީރާނުގެ ދުޝްމަން ޖަމާއަތެއްކަމަށްވާ އަފްޣާނިސްތާނުގެ ތާލިބާނުންނަށް އީރާނުން އެހީތެރިވާކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލުމާއި އެމެރިކާގެ ބައިވެރިން ކަމަށްވާ ސައޫދީއާއި އިސްރާއީލާއި ޔޫއޭއީ އަށް އީރާނުން ބިރުދައްކާކަމަށް ބުނެ އެކަން ހުއްޓާލުން ވެސް އެމެރިކާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން އީރާނަށް ޖާސޫސުކޮށްގެންނާއި އެނޫން ވެސް ބޮޑެތި ކުށްތައްކޮށްގެން އީރާނުން ޖަލަށްލާފައިވާ އެމެރިކާގެ ރައްޔިތުން އެއްވެސް ޝަރުތަކާ އެކު މިނިވަންކުރުމާއި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގެ އިތުރުން އަސްކަރީ މަރުކަޒުތަކުގެ ތެރެއިން ވެސް އދ.ގެ އެޓަމިކް އެނަޖީ އެޖެންސީ މެދުވެރިކޮށް ބަލަންބޭނުންވާ އީރާނުގެ ކޮންމެ ތަނެއް ބަލައި ފާސްކުރުމުގެ ފުރްސަތު ދިނުމާއި ގަލްފުގައި އީރާނުން އަސްކަރީ ތަމްރީންގެ ގޮތުގައި ހިންގާ ހަރަކާތްތައް ހުއްޓާލުން ވެސް އެމެރިކާ އީރާނަށް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިޝަރުތުތަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ޙައިޘިއްޔަތުން އެއްވެސް ގައުމަކަށް އިޖާބަ ދެވޭނެ ޝަރުތުތަކަކަށް ނުވާތީ އެމެރިކާގެ މިޝަރުތުތައް ބައްޓަން ކޮށްފައި ވަނީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރެއް އީރާނުގައި އުފެއްދުމުގެ މައްޗަށް ކަމަށް ރޫހާނީގެ އިތުރުން އީރާނުގެ އެހެން މަސްއޫލުވެރިން ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެމެރިކާ އިން އީރާނަށް މިޝަރުތުތައް ކުރިމަތި ކުރިއިރު އެމެރިކާއަކީ މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް އެމެރިކާ އެދޭގޮތަށް ބަދަލުކުރުމަށް ޓަކައި އެގައުމުތަކުގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކުރި ގައުމު ކަމަށާ އެމެރިކާ އިން ހަތް ޓްރިލިޔަން ޑޮލަރު މެދުއިރުމައްޗަށް ޚަރަދުކުރި ކަމަށް ޓްރަމްޕް ވިދާޅުވި އިރު އެމެރިކާގެ ރައްޔިތުންގެ އަތުން ޓެކްސްގެ ގޮތުގައި ހޯދާފައިވާ އެފައިސާއިން ހަނގުރާމައާއި ތަޅާފޮޅުމާއި ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުން ފިޔަވައި އެހެންކަމެއް އެމެރިކާ ކޮށްފައިނުވާކަން ވެސް އީރާނުގެ މަސްއޫލުވެރިން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތްލު އާންމުތަކުގެ ފަހަތުގައި އޮންނަނީ ވެސް އެމެރިކާކަމާއި ސައޫދީން ޔަމަންގެ ކައިވެނި ޕާޓީތަކާއި ޖަނާޒާތަކަށާއި ހޮސްޕިޓަލްތަކަށާއި އަދި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ހަމަލާދީ ޔަމަންގެ އާންމުން މަރަމުން ގެންދަނީ ވެސް އެމެރިކާ ފޯރުކޮށްދޭ ހަތިޔާރުންކަމާއި އެކަމުގައި ސައޫދީންނަށް ވާގިވެރިވަނީ ވެސް އެމެރިކާކަން އީރާނުގެ މަސްއޫލުވެރިން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ސޫރިޔާއަށް ބަލާއިރު އީރާނުން ސޫރިޔާއަށް ވަދެފައި ވަނީ ސޫރިޔާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށާއި ނަމަވެސް އެމެރިކާ ސޫރިޔާއަށް ސިފައިން ފޮނުވައިގެން ހަނގުރާމަ ކުރަމުން ގެންދަނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި އިސްތިއްމާރީ އުސޫލުން ސޫރިޔާގެ ބާޣީންނަށް ވާގިވެރިވުމަށްޓަކައިކަން ވެސް އީރާނުން ވަނީ ފާހަގަކޮށްފަ އެވެ. މީގެއިތުރުން އެމެރިކާއިން އދ. އާއި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށް ފަހު އިސްރާއީލުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގައި އިސްރާއީލަށް އެމެރިކާ ވާގިވެރިވާ މައްސަލަ ވެސް އީރާނުން ވަނީ ފާހަގަކޮށްފަ އެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމާއެކު އީރާނުން ބޯލެނބުމަށް އެމެރިކާ އިއްލާން ކުރި ޝަރުތުތަކާ އެކު ކުރިޔަށް އޮތްތަނުގައި އެމެރިކާގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ބިރުދެއްކުންތަށް އީރާނަށް ވަރަށް ބޮޑަށް ކުރިމަތިވެގެންދާނެ އެވެ. އަދި އެމެރިކާ އެ އެދުންތަކަށް އީރާން ބޯނުލަނބާ ނަމަ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާދީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ހަމައަށް ވެސް އެމެރިކާގެ ގޯނާތަކާއި ދުއްތުރާތައް އީރާނަށް ކުރިމަތިވެގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެމެރިކާ ހުށަހެޅި 12 ޝަރުތާ ބެހޭ ގޮތުން އީރާނުގެ ރައީސް ޙަސަން ރޫހާނީ ވިދާޅުވީ ނިއުކްލިޔާ މައްސަލާގައި ނޫނީ އީރާނުން އެމެރިކާއާ ވެސް އަދި އެހެން ގައުމަކާއެކު ވެސް ވާހަކަ ނުދައްކާނެ ކަމަށާއި އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރްސަތާއި އީރާނުގެ ސިޔާސަތުތައް ބަދަލުކުރުމުގެ ފުރްސަތު ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމުގަ އެވެ.

އެމެރިކާ އިން އީރާނަށް ހުށަހެޅި ޝަރުތަކުގެ 90 ޕަސެންޓަކީ އިސްރާއީލުގެ ހިމާޔަތުގައި އިސްރާއީލުގެ އެދުމުގެ މަތިން ހުށަހެޅި ޝަރުތުތަކެއް ކަމާއި އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ދިފާއުކުރުމަށް ޓަކައި އެމެރިކާ ސަރުކާރުން އެމެރިކާގެ އާންމު ރައްޔިތުންގެ ފައިސާ ހަނގުރާމަ އާއި ތަޅާފޮޅުމަށް ޚަރަދުކުރާއިރު އެމެރިކާގެ ރައްޔިތުންގެ އެތައް ބަޔަކު ފަގީރު ހާލަތުގައި ދިރިއުޅެމުން ގެންދާކަން ރޫހާނީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. (ނޫސްއެޖެންސީތައް)