06 Sep 2011, 11:49
ސ. ހިތަދޫ ގެއަކުން ދެ އެއާކޮންޑިޝަން ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ހިތަދޫ ގެއެއްގެ ސީލިންގުން ބައެއް ނައްޓުވާލައިގެން ދެ އެއާކޮންޑިޝަން ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ހިތަދޫ ކުދީމާގޭ، އިބްރާހިމް ޝަރީފް 38، ކަމަށެވެ.
އަދި އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރާ ދެ އެއާކޮންޑިޝަން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ކުރިން ކުށުގެ ރެކޯޑެއް ނޯންނަ ޝަރީފް ވަގަށް ނެގި ކަމަށް ޝައްކުކުރެވޭ ދެ އޭސީ ފެނިފައި ވަނީ ފުލުހުން އެ އެއްޗެހި ހޯދަމުން ދަނިކޮށް ޝަރީފްގެ އަތުގައި ހުއްޓައި ކަމަށެވެ. އަދި 12000 ބީޓީޔޫގެ ދެ އޭސީ ފެނުނު އިރު އެ އެޗިއްސަށް އެއްވެސް ގެއްލުމެއް ދީފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.