22 May 2018, 13:12
އަންކާރާ (މޭ 22): ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތުގައި ބައިވެރިވި 104 ސިފައިންގެ މީހަކު އުމުރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ތުރުކީގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެމީހުންގެ މައްޗަށްކޮށްފައި ވަނީ އާދައިގެ ޖަލު ހުކުމާ ތަފާތު ހުކުމެކެވެ. އެގޮތުން އެހުކުމުގެ ދަށުން ގައިދީންނާ މެދު އަމަލު ކުރާ ގޮތް މާހަރުކަށި ވާނެ ކަމަށް އެމީޑިއާއިން ބުންޏެވެ.
އެ 104 މީހުންގެ އިތުރުން އިއްޔެ ތުރުކީގެ ކޯޓަކުން ވަނީ 52 މީހެއްގެ މައްޗަށް ޖަލު ހުކުމްތަކެއްކޮށްފަ އެވެ. އެގޮތުން "ރައީސް އަވަހާރަކޮށްލަން މަސައްކަތް ކުރުމުގައި އެހީތެރިވި" 21 މީހަކަށް 20 އަހަރުގެ ޖަލު ހުކުމާއި، "ޓެރަރިސްޓު ޖަމާއަތަށް ނިސްބަތްވާ" 31 މީހަކަށް ހަތް އަހަރާއި 11 އަހަރާ ދެމެދުގެ ޖަލު ހުކުމްކޮށްފައިވެ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ބަޣާވާތް ކުރާ މީހުންނަށް ދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ދެއްވައިފަ އެވެ.
ފަނަރަ ޖުލައި 2016ގައި ތުރުކީގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު، ގައުމު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަން އިއުލާންކުރި އެވެ. އަދި ރައީސް އުރުދުޣާން ހުންނެވި ރިޒޯޓަށް އަރައި، އޭނާ ހައްޔަރު ކުރަން މަސައްކަތްކުރި އެވެ. ނަމަވެސް ތުރުކީގެ ރައްޔިތުންނާއި ސިފައިން ނިކުމެ އެބަޣާވާތް ނާކާމިޔާބު ކުރި އެވެ.
އެބަޣާވާތުގެ ސަބަބުން ތުރުކީގެ 260 މީހަކު މަރުވެ، 2،200 މީހުންނަށް އަނިޔާވި އެވެ. (ބީބީސީ)