އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ޒުވާނުނަށް ހާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމް މި ހަފްތާ ބަންދަށް ތާވަލް ކޮށްފިއެވެ.

އެ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ލައިސަންސް ޕްރޮގްރާމު އޮންނާނީ މި މަހުގެ 25 ވާ ހުކުރު ދުވަހާއި 26 ވާ ހޮނިހިރު ދުވަހު އަދި 28 ވާ ހޯމަ ދުވަހު ކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ ސަރަހައްދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމު އޮންނާނީ މި ތިންދުވަހުގެ ރޭގަނޑު ނުވަޔަކުން 12އަށް ކަމަށާއި، ފޯމު ދޫކުރުން އޮންނާނީ އެ ތިންރޭގެ ނުވަޔަކުން 11:30އަށް ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.

"ޕްރޮގްރާމުގައި ބައިވެރިވެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކުން ޓެސްޓު ހެދުމަށް ދުއްވާނެ ވެހިކަލްތައް ޑްރައިވިން ސްކޫލުތަކުން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައި. ލައިސަންސް ދޫކުރާނީ ތިއަރީ ޓެސްޓާއި ދުއްވުމުގެ ޓެސްޓް ގާނޫނާއި ގަވައިދުގެ މަތިން ފުރިހަމަ ކުރުމުން. ކޮންމެ ރެއަކުވެސް 12:00 ގައި އެ ރެއަކު ލައިސަންސް ލިބުނު ފަރާތްތަކަށް ލައިސަންސް ދޫކުރުން ޓްރާންސްޕޯޓު އޮތޯރިޓީ ހުންނަ އިމާރާތުގެ ތިރީގައި އޮންނާނެ،"

މި ޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގާ ފަރާތްތަކުންވެސް ޑްރައިވިން ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އާއި ތިއަރީ ޓެސްޓުގެ ފީ އަށްވާ 100 ރުފިޔާ އަދި ރެވެނިއު ސްޓޭމްޕަށްވާ 50 ރުފިޔާ ދައްކަން ޖެހޭނެއެވެ. ކޮންމެ ރެއަކުވެސް ޓެސްޓު ހެދުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ތިއަރީ ޓެސްޓުގެ ކުރިން ޓްރެފިކާ ގުޅޭ މައުލޫމާތު ދިނުމަށް 15 މިނެޓުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ޓެސްޓު ހަދާއިރު އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދޭނެ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

"ޕްރޮގްރާމު ކުރިއަށްދާއިރު އެފްޑީއައި އިން ފޮޓޯ ނެގުމުގެ ކަންތައް މި ސަރަހައްދުގައި ކުރިއަށް ގެންދާނެ. ސްޓޭމްޕް ވިއްކުމަށާއި ފޮޓޯކޮޕީ ނެގުމަށް ޕޯސްޓް އޮފީހުގެ ޑެސްކެއް ހުންނާނެ. ޕޮލިސް ކްލިއަރެންސް ބޭނުންވާ ފަރާތްތަކަށް ހިދުމަތްދޭން ފުލުހުންގެ ޑެސްކެއްވެސް ހުންނާނެ،" އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑްރައިވިން ޓެސްޓު ކުރިއަށްދާނީ ވެލާނާގެ ސަރަހައްދުގައި ކަމަށާއި އެކަމަށް ފުލުހުންގެ އެހީވެސް ލިބޭނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަލްއުސްތާޒު އަބްދުﷲ ސިޔާޒް ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާ މީހުން އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވައިދުގައި އޮންނަ ޖޫރިމަނާއެއް ކުރެވިފައިވާނަމަ އެކަން މައާފުކުރެވޭތޯ ބެލުމަށް ގާނޫނީގޮތުން ކުރެވެނު ހުރި ކަންތައް ބަލަމުން އަންނަ ކަމަށެވެ. އަދި ޓެސްޓުން ފެއިލްވެ އަލުން ޓެސްޓް ހަދަން އޮންނަ މުއްދަތަށްވުރެ އަވަހަށް ޓެސްޓުގައި ބައިވެރިވެވޭނެ ގޮތް މި ޕްރޮގްރާމުގެ ދަށުން ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެއަށްފަހު ހުޅުމާލޭގައި ވެސް އަންނަ ހަފްތާގައި މި ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވާއިރު މާލެ ސަރަހައްދު ނިމިމުން އާބާދީ ބޮޑެތި ސަރަހައްދު ތަކުގައިވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.