22 May 2018, 11:01
އަންނަ ސެޕްޓެމްބަރު މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ކާމިޔާބު ތަރި ޝާހްރުކް ޚާންގެ "ސެލިއުޓް"ގެ އަންހެން ލީޑެއްގެ ގޮތުގައި ކުޅަދާނަ ބަތަލާ ދީޕިކާ ޕަދުކޯން ނުވަތަ އައިޝްވާރިޔާ ރާއީ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ފިލްމުގެ އަންހެން ލީޑަށް މީގެ ކުރިން ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފައިވީ ނަމަވެސް ޑައިރެކްޓަރު މަހޭޝް މަތާއީ ވަނީ، އެހެން ތަރިއެއް ހޯދުމަށް މަސައްކަތް ކުރަން ފަށައިފައެވެ.
"ސެލިއުޓް"ގެ ފިރިހެން ލީޑް އެންމެ ފުރަތަމަ ކުޅެން ހުށަހެޅީ އާމިރު ހާނަށެވެ. ނަމަވެސް އޭނާ ވަނީ ބިޒީ ޝެޑިއުލްއާ ހެދި އެ ފިލްމު ދޫކޮށްލައިފައެވެ.
"ސެލިއުޓް"ގެ އަންހެން ލީޑު އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް އެކަން އަވަސް މުސްތަގްބަލެއްގައި ރަސްމީކޮށް އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ޝާހް އާއި ދީޕީކާ ވަނީ ކާމިޔާބު ފިލްމު ތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އޭގެ ތެރޭގައި "އޯމް ޝާންތި އޯމް" އަދި "ހެޕީ ނިއު އިޔާ" ފާހަގަކޮށްލެވެއެވެ.
ހަމައެއާއެކު އައިޝްވާރިޔާ ވެސް ވަނީ ޝާހް އާ އެކު ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ "މޮހައްބަތޭން" އަދި "ދޭވްދާސް" އެވެ.
އަންނަ އަހަރުގެ ތެރޭގައި ފިލްމު ސިނަމާއަށް ގެންނާނެ ކަމަށް ލަފާކޮށް ފިލްމުގެ ޑައިރެކްޓަރު ބުނީ، ސެލިއުޓް އަކީ ދިރިއުޅުމަށް ބިނާކޮށް ތައްޔާރު ކުރާ ވާހަކަ އަކަށް ވުމުން ޝައުގުވެރި އެތައް ކަންތައްތަކެއް އެ ފިލްމުން ފެނިގެންދާނެ ކަމަށެވެ.