އެވަޓަންގައި ހޭދަވި ދުވަސްތަކަކީ ކެރިޔަރުގައި ހޭދަވި އެންމެ އުފާވެރި ދުވަސްތައް ކަމަށްބުނެ ޗެމްޕިއަންސް ލީގު ހުވަފެން ހަގީގަތަކަށް ހެދުމަށް ހުރަސް އެޅުމަކީ އުނދަގޫކަމެއް ކަމަށް އެކުލަބުން އާސެނަލްއަށް ބަދަލުވި ސްޕެއިން މިޑްފީލްޑަރު މިކެލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ 10 މިލިޔަން ޕައުންޑަށް އާސެނަލްއަށް ކުޅުމަށް އެއްބަސްވީ ޓްރާންފާ ޕީރިއަޑުގެ އެންމެ ފަހު ދުވަހުއެވެ. އާސެނަލްއާއެކު އާޓެޓާ ސޮއިކުރީ އެވަޓަންއާއެކު ހަދާފައިވާ ހަ އަހަރު ދުވަހުގެ އެއްބަސްވުމުގެ އެއްއަހަރު ދުވަސް ބާކީ އޮއްވައެވެ.

އާސެނަލްގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ސެކް ފެބްރިގާސް އާއި ސާމިރު ނަސްރީ ޓީމު ދޫކޮށް ދިއުމުން ކޯޗް އާސެން ވެންގާއަށް ވަނީ މެދުތެރެއަށް މުހިންމު އާކުޅުންތެރިން ތަކެއް ހޯދަން މަޖުބޫރުވެފައެވެ. އެގޮތުން ޓްރާންސްފާ ޕީރިއަޑުގެ އެންމެ ފަހު ދުވަހު އާޓެޓާ އާއެކު ޗެލްސީގެ މެދުތެރެއަށް ކުޅެމުންދިޔަ އިސްރޭލުގެ މިޑްފީލްޑަރު ޔޮސީ ބެނަޔޫން ވެސް ގެނެސްފައިވެއެވެ.

"މިއީ އަހަރެންނަށާއި އަހަރެންގެ އާއިލާއަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. އަހަރެން މިހާރު ބޭނުންވަނީ ޗެމްޕިއަންސް ލީގުގައި ކުޅުމަށް. އަހަރެންނަށް މިހާރު 29 އަހަރު މިވަނީ ފުރިފަ. އެހެންކަމުން މިކަހަލަ ފުރުސަތެއްގެ ބޭނުން ހިފުމަކީ އަހަރެންނަށް ލިބޭނެ ކުރިއެރުމަކަށް ވެގެން ދާނީ. އަހަރެން އެވަޓަން އަށް ދެވެން ހުރި ހުރިހާ އެއްޗެސް ދިނިން. ކުލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." އާޓެޓާ ބުންޏެވެ.
އާޓެޓާ އަކީ ބާސެލޯނާ ބީ ޓީމުގެ އިތުރުން ޕީއެސްޖީ، ރެއާލް ސޮސިއެޑާޑް އަދި ރޭންޖާސް އަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެވަޓަންއަށް 2005 ވަނަ އަހަރު ސޮއިކުރި އާޓެޓާ ވަނީ އެކުލަބަށް ކުޅުނު 161 މެޗުން 27 ގޯލު ޖަހާފައެވެ.