21 May 2018, 17:43
އަންނަ ޖޫން މަހު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ބެލްޖިއަމްގެ ގައުމީ ޓީމު ސްކޮޑުން ރޯމާގެ މިޑްފީލްޑަރު ރަޖާ ނައިންގޮލާން ބާކީ ވެއްޖެއެވެ.
ނައިންގޮލާންއަކީ ފަހަކަށް އައިސް ބެލްޖިއަމްގެ ސްކޮޑުން ޖާގަ ލިބޭ ކުޅުންތެރިއެކެވެ. އަދި 2016 ވަނަ އަހަރު ޔޫރޯގައި އޭނާ ވަނީ ބެލްޖިއަމްއާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. ބެލްޖިއަމްގެ 23 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑު އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް، ކޯޗު ރޯބާޓޯ މާޓިނޭޒް މިއަދު އިއުލާންކުރި 28 ކުޅުންތެރިންގެ ސްކޮޑުގައި ނައެންގޮލާން ހިމެނިފައެއް ނުވެއެވެ.
ރޯމާއާއެކު މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި، އުމުރުން 30 އަހަރުގެ ނައިންގޮލާންއަށް ސްކޮޑުން ޖާގަ ނުދިނުމާ ގުޅިގެން ބެލްޖިއަމްގެ ކޯޗު މާޓިނޭޒް ބުނީ ނައިންގޮލާންއަކީ މޮޅު ކުޅުންތެރިއެއް ނަމަވެސް، ސްކޮޑުން ޖާގަ ނުދިނުމަކީ ޓެކްނިކަލް ނިންމުމެއް ކަމަށެވެ.
މާޓިނޭޒް ބުނީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރީ ވަކި އުސޫލެއްގެ ދަށުން ކަމަށާއި، ރޯމާގައި ނައިންގޮލާން ހުރި ގޮތަށް ގައުމީ ޓީމުގައި ނުހުރެވޭނެ ކަމަށެވެ.
މިއަދު އިއުލާންކުރި ބެލްޖިއަމްގެ 28 ކުޅުންތެރިންގެ ސްކޮޑުގައި އިނގިރޭސި ޕްރިމިއާ ލީގަށް ކުޅޭ 15 ކުޅުންތެރިއަކު ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީއާއި މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހިމެނެއެވެ.
ޗެލްސީގެ ފޯވަޑް އެޑިން ހަޒާޑާއި ޔުނައިޓެޑްގެ ފޯވަޑް ރޮމެލޫ ލުކާކޫއަށްވެސް ބެލްޖިއަމްގެ 28 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ލިބިފައިވާ އިރު، ޗެލްސީގެ ލޯނު އެއްބަސްވުމެެއްގެ ދަށުން މި ސީޒަންގެ ފަހުބައި ބުރޫޝިޔާ ޑޯޓުމަންޑުގައި ހޭދަކުރި މިޗީ ބަޓްސްޗުއާއީ އަދި ކްރިސްޓަލް ޕެލެސްގެ ފޯވަޑް ބެންޓެކޭއަށްވެސް ބެލްޖިއަމްއިން މިއަދު އިއުލާން ކުރި ސްކޮޑުން ޖާގަ ލިބިފައިވެއެވެ.
ބެލްޖިއަމްއިން ވޯލްޑް ކަޕަށް އިއުލާންކުރާ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާނުކުރާނީ އަންނަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުގައެވެ.