ރާއްޖޭގައި ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ ލީގްކަމުގައިވާ "ދިރާގު ދިވެހި ލީގުގެ" ތިން ވަނަ ބުރުގެ ކުޅުން މިރޭ ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ. ލީގުގެ ތިން ވަނަ ބުރުގެ ކުޅުން މިރޭ ފަށާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި އީގަލްސް އެވެ.

ތިން ވަނަ ބުރުގެ ފުރަތަމަ މެޗަށް ނިއުއާ އީގަލްސް ނުކުންނައިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު 2-0 އިން ކާމިޔާބުކުރީ އީގަލްސް އެވެ. ދެ ވަނަ ބުރުގައި ނިއު ވަނީ އީގަލްސް ކޮޅަށް ހަތް ލަނޑު ޖަހައި މޮޅުވެފަ އެވެ.

ތިންވަނަ ބުރުގެ ކުޅުން ފަށަން އެއް ދުވަހަށް ވެފައިވާއިރު، ބައެއް ކުލަބް ތަކުގެ ކުޅުންތެރިން މިވަގުތު ވެސް ތިބީ އަތޮޅުތަކުގައި ކުރިއަށްދާ ބައެއް މުބާރާތްތަކުގައި ކުޅުމަށް އަތޮޅު ތެރޭގައި އެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ލީގުގެ ކުޅުން އަލުން ފަށާއިރު، ދެވަނަ ބުރުގެ ކުޅުން މެދު ކަނޑާލިއިރު ޓީމްތަކުން ދެއްކި ކުޅުން ނުދެއްކޭނެކަމަށް ބޮޑެތި ހުރިހާ ކްލަބްތަކެއްގެ ކޯޗުންވެސް އެއްބަސްވެއެވެ.

ލީގުގެ ފުރަތަމަ ބުރުގައި އަށް ޓީމް ވާދަކޮށް، ދެ ވަނަ ބުރުގެ ކުޅުން ނިންމާލި އިރު، ތިން ވަނަ ބުރަށް ދަތުރު ކުރީ ހަ ޓީމެވެ. ތިން ވަނަ ބުރަށް ނުގޮސް މުބާރާތުން ކެޓީ ވިޔެންސާއާ އޭވައިއެލް އެވެ. އެ ދެޓީމް ވަނީ ރެލިގޭޓްވެފައެވެ.

ލީގުގެ ދެ ވަނަ ބުރު ނިއްމާލި އިރު ޖުމްލަ 14 މެޗް ކުޅެ 35 ޕޮއިންޓާ އެކު ތާވަލްގެ އެންމެ ކުރީގައި އަދި ވެސް އޮތީ ޗެމްޕިއަން ވީބީއެވެ. ވީބީ ތާވަލްގެ އެއްވަނާގައި އޮތް އިރު، އެޓީމް މި މުބާރާތުގައި މިހާތަނަށް 48 ލަނޑު ޖަހާފައިވެ އެވެ. ބައިކޮޅަށް ވަދެފައިވަނީ ނުވަ ލަނޑެވެ. އެހެން ކަމުން ފައިދާ 39 ގޯލާ އެކު އެންމެ ގިނަ ގޯލްޖެހި ޓީމަކީ ވެސް ވީބީއެވެ.

މިދިއަ ދެ އަހަރުގެ ޗެމްޕިއަން ވީބީ ތާވަލުގެ އެއްވަނައިގައި އުޅޭ އިރު، ވިކްޓަރީ އުޅެނީ 30 ޕޮއންޓާ އެކު ދެ ވަނާގަ އެވެ. ތިން ވަނާގައި 24 ޕޮއިންޓާ އެކު ނިއު އުޅޭ އިރު، ޕޮއިންޓުގެ ގޮތުން މާޒިޔާއާ އެއްވަރެވެ. ނިއުއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.

ހަތަރު ވަނާގައި އުޅެނީ މާޒިޔާ އެވެ.ީގުގެ ތިން ވަނަ ބުރަށް ކުރިމަތިލާއިރު މާޒިޔާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލީގުގެ ދެވަނަ ބުރު ނިމެން އުޅެނިކޮށް ގެނައި އާޖެންޓީނާގެ ފޯވަޑަށް ތިން ވަނަ ބުރުގައި ކުޅެވުމެވެ. އެ ޓީމުން ވަނީ އާޖެންޓީނާގެ އިތުރު ފޯވަޑެއް ވެސް ޓީމުގައި ހިމަނައިފަ އެވެ.

ލީގުގެ ފަސް ވަނައިގައި 15 ޕޮއިންޓާއެކު އޮތީ ވެލެންސިއާ އޮތް އިރު، މާދަމާ ރޭ ނިއުއާ ދެކޮޅަށް ނުކުންނަ އީގަލްސް އޮތީ ތާވަލުގެ ހަ ވަނައިގައި 14 ޕޮއިންޓާ އެކު އެވެ.

ތިން ވަނަ ބުރުގެ ދެ ވަނަ މެޗްގައި އަންނަ ބުދަ ދުވަހުގެ ރޭ ބައްދަލުކުރާ ދެޓީމަކީ ވިކްޓަރީއާ މާޒިޔާއެވެ. މިބުރުގެ ތިން ވަނަ މެޗްގައި ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާ ދެޓީމަކީ ވީބީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިއާ އެވެ.