21 May 2018, 16:09
ކުއަލަލަމްޕޫރު (މޭ 21): މެލޭޝިއާގެ އިންވެސްޓްމެންޓް ފަންޑު، ވަން މެލޭޝިއާ ޑެވެލޮޕްމެންޓް ބަރުހާދު (1އެމްޑީބީ) ހިންގުމުގައި އިހުމާލުވި މައްސަލަ ތަހުގީގުކުރަން ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައިފި ކަމަށް އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.
މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި މަރުކަޒީ ބޭންކް ހިމެނޭ އެޓާސްކް ފޯހުން 1އެމްޑީބީ ފަންޑުން ނަގާފައިވާ ފައިސާއާ ގުޅުން ހުރި މުދާ ހޯދައި، ހިފެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ.
އެ ޓާސްކް ފޯހުގައި އިސްކޮށް ތިއްބަވަނީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުލްގަނީ ޕަޓައިލްއާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ޗީފް ކޮމިޝަނަރު އަބޫ ގާސިމް މުހައްމަދެވެ. އެ ދެ ބޭފުޅުންނަކީ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 1އެމްޑީބީ މައްސަލަ ތަހުގީގު ކުރަމުން ގެންދަވަނިކޮށް މަގާމުން ވަކިކުރި ދެ ބޭފުޅުންނެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައެވެ. އަދި އެފަންޑުން 700 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ފައިސާ، ކުރީގެ ބޮޑުވަޒީރު ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އެ މައްސަލައާ ގުޅިގެން ނަޖީބަށް ވަނީ މާދަމާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައެވެ. އަދި ފުލުހުން ވަނީ ނަޖީބާ ގުޅުން ހުރި އެޕާޓްމެންޓުތަކެއް ފާސްކޮށް، ފައިސާއާއި ގަހަނާ އަޅާފައިވާ އެތައް ސޭތަކަ ފޮށި ހޯދާފައެވެ.
(އަލްޖަޒީރާ)