21 May 2018, 14:19
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްނެގުމުގެ މަތީން ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ޓްރޭނިންގ ސްކޫލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ، ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ފުޓުބޯޅަ ޓްރެއިނިން ސްކޫލުގެ އިމާރާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާ އިރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ސަން ސްޕޯޓްސްއަށް ވިދާޅުވީ ޓާގެޓަކީ މަސައްކަތް ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލުން ކަމަށެވެ.
ޖަވާ ވިދާޅުވީ އެކަޑެމީގެ އިމާރާތުގެ މަސައްކަތް ނިމުމާއެކު އޭއެފްސީ އެފިލިއޭޓެޑް ޓްރެއިނިން ސްކޫލެއް ހުޅުވުމަށް ހުރިހާ މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށާއި، ހުޅުމާލޭގެ އެކަޑެމީ ވެގެންދާނީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ޓްރެއިނިން ސްކޫލަށް ކަމަށެވެ.
ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ފުޓްބޯލް ޓްރެއިނިންގ ސްކޫލް ރާއްޖޭގައި ގާއިމް ކުރައްވާނެކަމަށް ރައީސުލުޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ މިދިޔަ އަހަރުގެ މާޗު މަސް ތެރޭގައި ވިދާޅުވެފައެވެ.
ޓީސީ ސްޕޯޓްސް ކްލަބުން ބަންގްލަދޭޝްގެ ޝެއިޚް ކަމާލް ކަޕްގެ ތަށި ހޯދުމާއެކު އެކަން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ފުރަތަމަ ޑިވިޝަނަށް އަންނަ ޓީމުތަކާއި ކުޅުންތެރިންނަށް ސަރުކާރުން ކަންތައްތަކެއް ކޮށްދޭނެ ކަމަށާއި އޭގެ ތެރޭގައި ފުޓްބޯލް ޓްރެއިނިން ސްކޫލެއް ގާއިމްކުރުން ހިމެނޭ ކަމަށެވެ.
"އެއް ވަނަ ޑިވިޝަނަށް އަންނަ ޓީމުތަކަށް، ކުޅުންތެރިންނަށް ރަސްމީ ކަންތައްތަކެއް ސަރުކާރުން ކޮށްދޭނަން. އޭގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ރީޖަންގައި ހުރި އެންމެ ވަރުގަދަ ފުޓްބޯލް ޓްރެއިނިން ސްކޫލް ރާއްޖޭގައި ގާއިމްކުރާނަން،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން އެ ހަފްލާގައި އިތުރަށް ވިދާޅުވީ، އެ ސްކޫލް ގާއިމްކުރާތާ ތިން އަހަރުފަހުން ގައުމީ މުބާރާތްތަކުގައި ބައިވެރިވެވޭނީ އެ ކްލަބެއްގެ ކޮންމެވެސް އިންސައްތައެއްގެ ކުޅުންތެރިން އެ ސްކޫލްގައި ތަމްރީން ހާސިލްކުރާ ބަޔަކަށްވުމުން ކަމަށެވެ. އަދި އެ ސްކޫލް ގާއިމްކުރާތާ ފަސް އަހަރުތެރޭގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ހޯދައި، ކޮންމެ އަހަރަކުވެސް އެ ތަށި ދިފާއުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑާއި އެފްއޭއެމް މަޝްވަރާކޮށްފައި އަޅުގަނޑުގެ ނިންމުމަކަށް ވެފައި މި އޮތީ ސްކޫލް ގާއިމްކުރާތާ ތިންވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖެއަށް ހޯދާނަމޭ. ހޯދާފައި އެތަށްޓަކީ އަބަދުވެސް ދިވެހިރާއްޖޭގައި ހުންނާނެ ތަށްޓަކަށް ހަދަންޖެހެއޭ،" ރައީސް ވިދާޅުވެފައިވެއެވެ.