21 May 2018, 14:13
އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބު އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުރިމަތިލުން އީގަލްސްއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި އީގަލްސްއިން ގޯލް ޖެހީ މެޗު ނިމެން ދަނިކޮށެވެ. އެޓީމުގެ ގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، ޖުމައިލް ޖަމީލެވެ. ފުރަތަމަ ބުރުގައި އެ ދެޓީމު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ކްލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ފުރަތަމަ ބުރުގައި ގެއްލުނު ގިނަ ޕޮއިންޓްތަކެއް މިބުރުގައި ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"ފުރަތަމަ ބުރުގައި އަޅުގަނޑުމެން އަތުން ގެއްލުނީ އަށް ޕޮއިންޓް. މާޒިޔާ އަތުން ބަލިވީ، ޓީސީ އަތުން ބަލިވީ. ވެލެންސިއާއާ އެއްވަރުވީ. މި ބުރުގައި އެ ނުވަ ޕޮއިންޓުން ހަތް ޕޮއިންޓް ލިބިއްޖެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" މޯހަން ބުންޏެވެ.
މޯހަން ބުނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އީގަލްސްއިން ކަމަށާއި ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"މެޗަށް ބަލާ އިރު، ވަރަށް ހިތްހަމަ ޖެހޭ ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައީ. މެޗުގެ 75 ވަނަ މިނެޓް މެޗު ކޮންޓްރޯލް ކޮށްގެން މެޗު ނިންމާލީ މޮޅަކާއެކު،" މޯހަން ބުންޏެވެ.
ރޭގެ މެޗަކީ މި ސީޒަންގައި މާޒިޔާ ބަލިވި ތިންވަނަ މެޗެވެ. މެޗަށް ނުކުތް އިރު، ތާވަލުގެ ދެވަނާގައި މާޒިޔާ އޮތީ ކުޅުނު ނުވަ މެޗުން 17 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އީގަލްސް އޮތީ ނުވަ މެޗުން 15 ޕޮއިންޓާއެކުގައެވެ. ރޭގެ މެޗުން މޮޅުވެ، އީގަލްސް އިން ވަނީ ކުޅުނު 10 މެޗުން 18 ޕޮއިންޓް ހޯދައިފައެވެ. އެއްވަނާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ ނުވަ މެޗުން 22 ޕޮއިންޓާއެކުގައެވެ.
ލީގު ތާވަލުގެ ތިން ވަނައަށް މާޒިޔާ ވެއްޓުމާއެކު ލީގު ދިފާއުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ އިރު، މެޗަށްފަހު ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ ކުޅުންތެރިންގެ ކުޅުން ފެނުނީ ވަރަށް ދަށްކޮށް ކަމަށެވެ.
އިންމަ ބުނީ ދަނޑުމަތީގައި ކުޅުންތެރިންގެ އެޓިޓިއުޑް މައްސަލަތަކެއް އުޅުނު ކަމަށާއި، އެ މައްސަލަތައް ހޯދާ ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
"މިއީ އަޅުގަނޑުގެ ކުޅުންތެރިން ފަރާތުން ގަބޫލުކުރެވޭނެ ކުޅުމެއް ނޫން. މިއީ ކިހިނެތް ކިހިނެތް ދިޔަ ކަމެއްތޯ ބަލާނަން. ދަނޑުމަތީގައި ކުޅުންތެރިންގެ އެޓިޓިއުޑްގެ މައްސަލަތަކެއް އުޅުނު،" އިންމަ ބުންޏެވެ.
މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭގެ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ. މެޗު ފަށާނީ 10:00ގައެވެ.