Back
Nov 24, 2025 SUN
SUN

ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، މަޑޫރޯ ދެވަނަ ދައުރަކަށް

ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، މަޑޫރޯ ދެވަނަ ދައުރަކަށް
Lead photo

ކަރާކަސް (މޭ 21): ވެނެޒުއޭލާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެއެވެ.

ވެނެޒުއޭލާގެ ނެޝަނަލް އިލެކްޓޯރަލް ކައުންސިލް (ސީއެންއީ)އިން ބުނި ގޮތުގައި ވޯޓުގެ 90 ޕަސެންޓު ގުނާފައިވާ އިރު، އޭގެ ތެރެއިން 67.7 ޕަސެންޓު މީހުން ވޯޓު ދީފައި ވަނީ މަޑޫރޯއަށެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ހެންރީ ފެލްކަންއަށް ލިބުނީ 21.2 ޕަސެންޓު ވޯޓެވެ.

ސީއެންއީން ބުނި ގޮތުގައި އެގައުމުގައި ތިބި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އިއްޔެ އިންތިހާބުގައި ބައިވެރިވެފައި ވަނީ 46 ޕަސެންޓު މީހުންނެވެ.

"މިއީ ތާރީހީ ދުވަހެއް. މީގެ ކުރިން އެއްވެސް އިރަކު ރިޔާސީ ކެންޑިޑޭޓަކު 68 ޕަސެންޓު ވޯޓު ކާމިޔާބުކޮށްފައި ނުވޭ،" މަޑޫރޯ ވިދާޅުވިއެވެ.

ނަމަވެސް ފެލްކަން ވަނީ ސަރުކާރުން ގިނަ އަދަދެއްގެ ވޯޓުތައް ގަނެފައިވާ ކަމަށާއި އިންތިހާބުގައި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެފައި އެވެ. އަދި އާއިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފައި އެވެ.

މީގެ ކުރިން ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގައެވެ. ނަމަވެސް މަޑޫރޯއަށް ތާއީދު ކުރާ މެމްބަރުންގެ އަގުލަބިއްޔަތު އޮންނަ ގާނޫނު ހަދާ މަޖިލީހުން ވަނީ އެއިންތިހާބު ކުރިއަށް ޖައްސާފައި އެވެ.

ސަރުކާރުގެ އިދިކޮޅު ޑިމޮކްރެޓިކް ޔުނިޓީ ކޯލިޝަނުން ވަނީ އިންތިހާބު ކުރިއަށް ޖެއްސީ ކޯލިޝަނުގައި އުފެދިފައިވާ ބައިބައިވުމުގެ ފައިދާ ނެގުމަށް ކަމަށް ބުނެ އިންތިހާބު ބޯއިކޮޓުކޮށްފައެވެ. އެކޯލިޝަންގައި އެންމެ އިސްކޮށް އުޅުއްވާ ލިއޮޕޮލްޑޯ ލޯޕޭޒްއާއި ހެންރީކޭ ކެޕްރީލޭސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުން މަނާކޮށްފައެވެ.

ދެހާސްތޭރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަޑޫރޯގެ ސަރުކާރުގެ ދަށުން ވެނަޒުއޭލާގެ އިގުތިސާދު ވަނީ މީގެ ކުރިން ހީނަރު ނުވާ ވަރަށް ހީނަރުވެފައެވެ. އޭގެ ސަބަބުން އެގައުމުގައި ކާބޯތަކެތި ލިބުމަށް ދަތިވެ، ހަމަނުޖެހުން އިތުރުވެ، ގިނަ އަދަދެއްގެ މީހުންނަށް ވަނީ ގައުމު ދޫކޮށް ދާންޖެހިފައެވެ.

(އަލްޖަޒީރާ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics