06 Sep 2011, 10:35
ރ. އަލިފުށީގައި ހުންނަ ވީއޭ ކުންފުނީގެ ބޯޓްޔާޑަށް ރޭ ބަޔަކު ގެއްލުން ދީފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އަލިފުށީ ރަށު ކައުންސިލްގެ ރައީސް އަބުދުއް ލަތީފު އަބުދުއް ރަހުމާން ވިދާޅުވީ ޒުވާނުންގެ ބަޔަކު ރޭ ވީއޭ ބޯޓްޔާޑަށް ގެއްލުން ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން އަލިފުށިން ނުވަ މީހަކު ހައްޔަރުކޮށްގެން އުނގޫފާރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ 11 މީހަކު ހައްޔަރު ކުރި ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވީއޭ ބޯޓްޔާޑަށް ރޭ ބަޔަކު ވަނީ ގެއްލުންތަކެއް ދީފައި. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހުންނާއި އެމީހުންނާ ދެމެދު ހަމަ ނުޖެހުންތަކެއް ހިނގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައި،" ލަތީފު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި މިއަދު އަލިފުށިން ބަޔަކު ހައްޔަރުކޮށްގެން އުނގޫފާރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ބޯޓްޔާޑަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަން އަދި ވިދާޅުވާން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވީ އަލިފުށީ ބޯޓްޔާޑަށް ގެއްލުންދޭން މަސައްކަތް ކުރި ބަޔަކާއި ފުލުހުންނާ ދެމެދު ރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެކަމުގެ ތެރޭގައި ބައެއް ފުލުހުންނަށާއި ފުލުހުން ގެންގުޅުނު ބައެއް ތަކެއްޗަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި އަލިފުށިން މިހާތަނަށް ޖުމްލަ 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ގެންދަނީ ތަހުގީގުކުރަމުން ކަމަށެވެ.
ކުރިން މިފްކޯ އިން ހިންގަމުން އައި އަލިފުށީ ބޯޓްޔާޑް ވީއޭ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އެތަނުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވީފަހުންނެވެ.