21 May 2018, 10:52
ބޮލީވުޑް ޖޯޑު ރިޗާ ޗައްޑާއާއި އަލީ ފަޒަލް ފުރަތަމަ ފަހަރަށް ދެ ލޯބިވެރިންގެ ގޮތުގައި ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.
ދެމީހުން އެކުގައި ފެނިގެން ދާނީ ލޮސް އެންޖެލެސްގެ ޑައިރެކްޓަރަކު އުފައްދާ ލޯބީގެ ފިލްމަކުންނެވެ. ފިލްމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ފިލްމު މުޅިން ފައިނަލް ވެފައި ވަނީ މި ހަފްތާ ތެރޭގައެވެ.
ފިލްމު ޝޫޓު ކުރަން ހަމަޖެހިފައި ވަނީ އިންޑިއާ އަދި އެމެރިކާގައެވެ. ޚަބަރުތައް ބުނާގޮތުން ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.
މީގެ ކުރިން "ފުކްރޭ" އަދި "ފުކްރޭ ރިޓާންސް"ގައި ދެމީހުން ފެނިގެން ގޮސްފައި ވީނަމަވެސް އެއީ ލޯބިވެރިންގެ ގޮތުގައެއް ނޫނެވެ. މިއީ ލޯބިވެރިންގެ ގޮތުގައި ދެމީހުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
ރިޗާ އާއި ފަޒަލް ލޯބީގެ ގޮތުން ގުޅިފައި ވަނީ "ފުކްރޭ"ގެ މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް މަސައްކަތަށް އިސްކަން ދިނުމުގެ ގޮތުން އެގުޅުން އޭރު ސިއްރުކޮށްފައި ބޭއްވީއެވެ.