21 May 2018, 10:59
ފްރާންސްގެ ޕީއެސްޖީއަށް ކާމިޔާބު ލިބެން އޮތީ އެޓީމުގެ ބްރެޒިލް ތަރި، ނޭމާއަށް ހާއްސަކަމެއް ދީގެން ކަމަށް ޓީމާ އަލަށް ހަވާލުވި ކޯޗު ތޯމަސް ޓުޝެލް ބުނެފިއެވެ.
މިސީޒަންގައި ބާސެލޯނާއިން ޕީއެސްޖީއަށް ނޭމާ ބަދަލުވީ ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއެއްގައެވެ. މިސީޒަންގެ ފަހު ބައިގައި އަނިޔާގެ ސަބަބުން ނޭމާ ނުކުޅުނު ނަމަވެސް އޭނާއަށް ވަނީ ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ.
ޕީއެސްޖީއާއެކު ނޭމާ ކުޅުނު މެޗެއްގައި އޭނާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީ ހަދައިފައިވާ އިރު، އޭނާ އަންނަނީ ރިކަވަރީގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ނޭމާ އޮޕަރޭޝަންކުރި ބްރެޒިލްގެ ޑޮކްޓަރުންގެ ޓީމުން ބުނެފައި ވަނީ ނޭމާ ވޯލްޑް ކަޕަށް ފިޓް ވާނެ ކަމަށެވެ. ބްރެޒިލުން އިއުލާންކުރި ވޯލްޑް ކަޕް ސްކޮޑުގައިވެސް ނޭމާގެ ނަން ހިމެނިފައިވެއެވެ.
މިދިޔަ ދެ އަހަރުވެސް ޕީއެސްޖީގެ ކޯޗުކަން ކުރި އުނައި އެމެރީ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލައިފައިވާ އިރު، ޕީއެސްޖީން ވަނީ ޓީމާ އަލަށް ހަވާލުވި ކޯޗު، ކުރިން ޑޯޓުމަންޑަށް އިރުޝާދު ދިން ތޯމަސް ޓުޝެލް ތައާރަފް ކޮށްދީފައެވެ.
ނޭމާ ޕީއެސްޖީ ދޫކޮށްލަން އުޅޭކަމަށް މީޑިއާގައި އަޑު ފެތުރިފައިވާ އިރު، ޓުޝަލްގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައިވެސް އޭނާ ވަނީ ވަރަށް ބޮޑަށް ނޭމާއަށް ތައުރީފް ކޮށްފައެވެ.
"އަހަންނާ ނޭމާއާ ދިމާވި އިއްޔެ. އޭނާއަކީ ވަރަށް އޯޕަން ވިސްނުމެއް ގެންގުޅޭ ކުޅުންތެރިއެއް. އާޓިސްޓެއް. ފުޓުބޯޅައިގެ ތަފާތު ހުނަރުވެރި ކުޅުންތެރިއެއް. މިވަގުތު ދުނިޔޭގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު އެއް ކުޅުންތެރިޔާ،" ޓުޝަލް ބުންޏެވެ.
ޓުޝަލް ބުނީ އެ ފެންވަރު ކުޅުންތެރިއަކަށް ހާއްސަކަމެއް ދޭން ޖެހޭނެ ކަމަށާއި، އެއީ އިންސާނީ ހަމަތައް ކަމަށެވެ.
"ނޭމާ ކައިރީ ފުޓުބޯޅައިގެ ވާހަކަ ދައްކަން ފެށުމާއެކު އޭނާގެ މޫނުން ފެނުނީ ވަރަށް އުފާވެރިކަން. އެއީ ފެންނަން ބޭނުންވާ މަންޒަރަކީވެސް. އަހަރެން ބޭނުން ވަނީ މުޅި ޕީއެސްޖީގެ ޓީމުވެސް އޭނާގެ ވަށައިގެން ބިނާ ކުރަން. އޭރުން ނޭމާއަށް އޭނާގެ އެންމެ ރަނގަޅު ފެންވަރުގެ ކުޅުން ދެއްކޭނެ،" ޓުޝަލް ބުންޏެވެ.
އަންނަ ސީޒަނަށް ނޭމާ ޕީއެސްޖީ ދޫކޮށްލަން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރު ނަމަވެސް، ޕީއެސްޖީގެ ވެރިޔާ ނާސިރު އަލް-ޚެލައިފީ ވަނީ އެކަން ދޮގުކޮށްފައެވެ.