ޖީއެމްއާރުން ކޮންމެ އަހަރަކު ވެސް ދިވެހިންނަށް ދޭން ނިންމާފައިވާ ސްކޮލަޝިޕްތަކުގެ ތެރެއިން އަށް ސްކޮލަޝިޕެއް ރޭ އެވޯޑް ކޮށްފި އެވެ.

އެ ސްކޮލަޝިޕްތައް އެވޯޑް ކޯށްފައި ވަނީ ރޭ ޓްރޭޑާޒް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރުގެ ނައިބު އައިމިނަތު އަލީ އެވެ.

މިދިޔަ ނޮވެމްބަރު މަހު އެއާޕޯޓް ހިންގުމާ ހަވާލުވި ޖީއެމްއާރުން ދިން އެ ސްލޮލަޝިޕްތަކަކީ ޖަވާހިރްލާލް ނެހުރޫ ޔުނިވާސިޓީގައި ހަތަރު އަހަރު ތައުލީމް ހާސިލް ކުރުމުގެ ބީޓެކް ޕްރޮގުރާމެކެވެ. ޖީއެމްއާރުގެ ސީއީއޯ އެންޑުރޫ ހެރިސަން ވިދާޅުވީ އެ ޕްރޮގްރާމުން ޓިއުޝަން ފީ އާއި ހުރުމުގެ ހަރަދު ވެސް ހިލޭ ލިބޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެންޑުރޫ ވިދާޅުވީ އެ ސްކޮލަޝިޕްތަކުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ނުހަނު ބޮޑަތި ފައިދާތަކެއް ކުރާނެ ކަމަށާއި ރާއްޖޭގެ ތަރައްގީގައި ޖީއެމްއާރުގެ ބައިވެރިވުން ބޮޑުކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ގައުމެއް ތަރައްގީއަކީ އުމްރާނީ ތަރައްގީއާ އެކު އިންސާނީ ތަރައްގީ ވެސްމެ. އަޅުގަނޑުމެންގެ މި ސްކޮލަޝިޕްތަކުގެ ބޭނުމަކީ އިންސާނީ ވަސީލަތް ތަރައްގީ ކުރުން. އޭރުން އެއީ އިގުތިސޯދަށް ލިބޭ ކުރިއެރުމެއް،" އެންޑްރޫ ވިދާޅުވި އެވެ.

މި އަހަރު އަށް ދަރިވަރަކަށް ސްލޮލަޝިޕް ދިން އިރު މިދިޔަ އަހަރު ޖީއެމްއާރުގެ ސްލޮލަޝިޕްގައި އިންޑިޔާ އަށް ދިޔަ ދަރިވަރު ވަނީ މާގިނަ ދުވަސްތަކެއް ނުވެ އަނބުރާ ރާއްޖެ އައިސްފަ އެވެ.

ޝަރަފްވެރި މެހެމާން އައިމިނަތު އަލީ ވިދާޅުވީ ކިޔެވުން ފުރިހަމަނުކޮށް އެ ދަރިވަރު ރާއްޖެ އައުމުން ބޮޑަތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ރަނުގެ ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.