އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު އީގަލްސް ވާދަކުރި މެޗު ކާމިޔާބުކޮށް، އީގަލްސް އިން ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފި އެވެ.

މިރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު އީގަލްސް އިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މާޒިޔާ އާއި އީގަލްސް ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ތާވަލުގެ ދެވަނާގައި މާޒިޔާ އޮތީ ކުޅުނު ނުވަ މެޗުން 17 ޕޮއިންޓާއެކުގަ އެވެ. ތިންވަނާގައި އީގަލްސް އޮތީ ނުވަ މެޗުން 15 ޕޮއިންޓާއެކުގަ އެވެ. މިރޭގެ މެޗުން މޮޅުވެ، އީގަލްސް އިން ވަނީ ކުޅުނު 10 މެޗުން 18 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ ނުވަ މެޗުން 22 ޕޮއިންޓާއެކުގަ އެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ފުރަތަމަ މިނެޓުގައި ވެސް އީގަލްސްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑުއާޑޯ ހުރަސް ކުރި ބޯޅަ ނިންމާލުމަށް އިބްރާހީމް މުބީން (މުއްކި)އަށް ލިބުނު ނަމަވެސް، އޭނާއަށް އެންމެ ރަނގަޅަށް އެ ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

އޭގެ ފަސް މިނެޓް ފަހުން އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ)ގެ ފަރާތުން އިތުރު ހަމަލާއެއް ވެސް ފެނިގެން ގޮސްފައިވާ އިރު، މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިފައި ވަނީ އެޓޭކިން ކުޅުމެކެވެ. މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ)އާއި އަރިމަތިން ކުޅެމުން ދިޔަ ނާއިޒް ހަސަން (ދާދު)އަށް ވެސް ފުރަތަމަ ހާފްގައި ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފަ އެވެ.

މެޗުގެ 29 ވަނަ މިނެޓުގައި އީގަލްސްގެ ލުއިޒް އެޑުއާޑޯގެ ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްލި ނަމަވެސް އެ ހަމަލާގެ ހުރަހަކަށްވީ މާޒިޔާގެ އިޓަލީ ގޯލްކީޕަރު، މައުރޯ ބޮއެރެޗިއޯ އެވެ. ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ ފުރަތަމަ ހާފް ނިމިގެން ދިޔައީ މާޒިޔާގެ ކުރިއަށް ކުޅޭ ކޯނެލިއަސް ސްޓެވާޓުގެ ހަމަލާއަކުންނެވެ. އީގަލްސްގެ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ އީގަލްސްގެ ކީޕަރު، ސުޖަން ޕެރޭރާ އެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދެވަނަ ހާފްގައި ވެސް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމުން ވެސް މެޗުން މޮޅުވުމަށް އެޓޭކިން ކުޅުމެއް ކުޅެން މަސައްކަތްކުރިކަން ފާހަގަކޮށްލެވުނެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި އީގަލްސްގެ މުހައްމަދު ނާއިމާއި ލުއިޒް އެޑުއާޑޯގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. ނާއިމްގެ ހަމަލާ ގޯލާ އަމާޒުނުވެ ދިޔަ އިރު، ލުއިޒް އެޑުއާޑޯގެ ހަމަލާ ދިފާއުކުރީ މާޒިޔާ ކީޕަރު މައުރޯއެވެ.

ދެވަނަ ހާފްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)ވެސް ކުޅުމަށް ނުކުމެފައިވާ އިރު، ކޯނެލިއަސްގެ ހުރަހަކުން އޭނާއަށް ވަނީ ގޯލް ޖަހާނެ ފުރުސަތެއް ވެސް ލިބިގެން ގޮސްފަ އެވެ. އީގަލްސްގެ އޭރިއާގެ ވާތް ފަޅިން ކޯނެލިއަސް ނަގައިދިން ބޯޅައަށް އަސައްކޮ ކުރިއަށް އެރި ނަމަވެސް، ހުރަސް ދިޔައީ ތަންކޮޅެއް މަތިންނެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އީގަލްސްއިން މެޗުގެ ލީޑު ނެގީ 86 ވަނަ މިނެޓުގަ އެވެ. އެ ގޯލަކީ އީގަލްސްގެ މެދުތެރެއިން ހަސަން ރާއިފް (ހަންނަ) ދިން ބޯޅައަކަށް ޖުމައިލް ޖަމީލް، މާޒިޔާ އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބޯޅައިން ކާމިޔާބުކުރި ގޯލެކެވެ. ޖުމައިލް ޖަމީލް މެޗަށް ނުކުތީ ފަހު ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މާލޭ ލީގުގެ މެޗެއް މާދަމާ ރޭވެސް އޮންނާނެ އެވެ. އެ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ.