ރާއްޖޭގެ އެކި ހިސާބުތަކުގައި މިދުވަސްވަރު އަރިދަފުސް ރޯގާ އާއި ޑެންގީހުން އަދި ވައިރަލް ހުން ގިނަ ކަމަށް ފާހަގަކޮށް ސަމާލުވުމަށް ހެލްތު ޕޮރޮޓަކްސަން އެޖެންސީ އިން އިލްތިމާސްކޮށްފި އެވެ.

ހެލްތު ޕޮރޮޓަކްޝަން އެޖެންސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޯދަ މަހާ ގުޅިގެން އާންމު ދިރި އުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ހުން ޖެހިގެން ކެއްސައި ކިބިހި އަޅާ ނަމަ އަގަމަތި ނިވާކުރުމާށާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމަޔަށް އެއްލާނުލުމަށް އެ ނޫސްބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ރޯގާ ޖެހިގެން ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދަމުންދާ ކަމަށް ފާހަގަކޮށް ހުމާއި ރޯގާގެ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ މާބަނޑު މީހުން އަދި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެެއްކުމަށް ވެސް ހެލްތު ޕޮރޮޓަކްޝަން އެޖެންސީ އިން ވަނީ ބުނެފަ އެވެ.

ހުންއަދި އަރިިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާތަކެތި ބޭޭނުން ކުރުމަށާއި ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ކުރާ ނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް އެ ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި ދުވަސް ވަރު ޑެންގީ ހުން ވެސް ފެތުރެމުންދާ ކަމަށާއި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.